13 މޭ 2025 - 09:23 0
މުހައްމަދު ޝަހްޒާން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އަލީ ހައިދަރު -- ފޮޓޯ: އަދަދު ފައިލް
13 މޭ 2025 - 09:23 0
ސްޓޫޑެންޓު ލޯނުގެ އެހީގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަތުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމަށް ޒަމާނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ތައާރަފު ކުރަން އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެޕު ތައާރަފު ކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ތައާރަފު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު އޭގެ ފުރަތަމަ ނަންބަރު ތައާރަފުކޮށް ވަޓްސްއެޕް މެދުވެރިކޮށް ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަންނަން ފަށާފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ. އެ ނަންބަރު ތައާރަފު ކުރުމުން، އެ ނަންބަރަށް ޝަކުވާ ހުށަހެޅި ކުދިންނަށް ވަގުތުން ޖަވާބު ދެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ މިނިސްޓްރީގެ ވިސްނުން ހުރީ 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ގައުމުތަކަށް ވަކި ވަޓްސްއެޕް ނަންބަރެއް ތައާރަފު ކުރުމަށް ކަމަށެވެ.
ސަރުކާރުން ދޫކުރާ ލޯނު އެހީގައި ކިޔަވާ ދަރިވަރުން ޝަކުވާ ހުށަހަޅަން އެޕެއް ތައާރަފު ކުރަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ސަރުކާރުން ދޭންޖެހޭ ފައިސާ ގަވާއިދުން ނުލިބުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުފެ އެވެ. އެ މައްސަލައިގައި ބޭރުގައި ކިޔަވާ ދަރިވަރުން ވަނީ މިނިސްޓަރަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
Comment