Advertisement

އަމީނިއްޔާގައި ދެ ޖިންސުގެ ކުދިން ކިޔަވަން ފެށިފަހުން އަހުލާގީ މައްސަލަތައް ހައްލުވި: ރޮޒޭނާ

5 ޖަނަވަރީ 2026 - 12:09 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒޭނާ އާދަމް: ރޮޒޭނާ މިހެން ވިދާޅުވީ ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދޭން އިލްމުވެރިންގެ ގުޅުމުން ގޮވާލުމާ ގުޅިގެން -- ފޮޓޯ: އަދަދު


އަމީނިއްޔާގައި ދެ ޖިންސުގެ ކުދިން ކިޔަވަން ފެށިފަހުން އަހުލާގީ މައްސަލަތައް ހައްލުވި: ރޮޒޭނާ

5 ޖަނަވަރީ 2026 - 12:09 4

އަމީނިއްޔާ ސްކޫލްގައި ދެ ޖިންސުގެ ކުދިން އެއްކޮށް ކިޔަވަން ފެށިފަހުން ޑިސިޕްލިން މައްސަލަތައް ހައްލުވި ކަމަށް ކުރިން އެ ސްކޫލުގައި ޓީޗަރަކަށް ކުރިން އުޅުއްވި އަދި މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ޖިންސުގެ ކުދިން ކިޔަވާ ސްކޫލަކަށް އަމީނިއްޔާ ބަދަލުވި ފަހުން ޑިސިޕްލިންގެ މައްސަލަތައް ވަރަށް ބޮޑަށް ހައްލުވި ކަމަށެވެ.

"އަޅުގަނޑަކީ އަމީނިއްޔާގައި އެތައް ދުވަހެއް ވަންދެން ކިޔަވާދިން ޓީޗަރެއް. ފަހަކަށް އައިސް ސްކޫލްގެ ޑިސިޕްލިން މައްސަލަތައް އޮތީ ވަރަށް ބޮޑުވެފައި. ނަމަވެސް ފާހަގަކުރެވުނު ކަމަކީ ދެ ޖިންސު ކުދިން ކިޔަވާ ސްކޫލަކަށް އަމީނިއްޔާ ބަދަލުވިފަހުން ޑިސިޕްލިން މައްސަލަތައް ވަރަށް ބޮޑަށް ހައްލުވިކަން،" އޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ ދެ ޖިންސުގެ ކުދިން އެއްބަޔަކު އަނެއް ބަޔަކާ އެކީ އުޅެ ބޮޑުވުމަކީ އެއް ބަޔަކު އަނެއް ބަޔަކު ދަސްވެ، އެކީގައި އިހުތިރާމާއެކު ހަމަޖެހިގެން އުޅެން ދަސްވާ ކަމެއް ކަމަށެވެ.

"ތާކު ކުއްޖަކު ވިޔާނުދާ ކަމެއް ކުރުމަކީ އެންމެން އެހެން އުޅެނީކީ ނޫން. އެއް ޖިންސުގެ ކުދިން އެކަނި ސްކޫލަކަށް ލައިގެން އުޅޭއިރު އެއް ޖިންސުން ވިޔާނުދާ ކަންތައް ކުރާ ބަޔަކު ވެސް އުޅެދާނެ. އެފަދަ ކަންކަން ހިނގާފައި ހުރީވެސް. އެ ހިސާބުން ކުދިން ސްކޫލަށް ފޮނުވުން ވެސް ހުއްޓާލާލަންތޯ ސަރުކާރުން ނިންމަވާނީ،" އޭނާ ވިދާޅުވި އެވެ.

ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ބަދަލުކުރުން ފަދަ ކަންކަން ނިންމާއިރު އެކަންކަން ވިސްނާ ދިރާސާ ކުރުން މުހިންމު ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ވީހައިވެސް މަދުކޮށް އެކަން ހުއްޓާލެވޭނެ ގޮތެއް ހޯދަން ގޮވާލައި ދީނީ އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު ބައެއް ކަންކަން އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ ކަންބޮޑުވަނީ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީ ކަމަށެވެ.

ރާއްޖޭގައި ދެ ޖިންސު މަސްހުނި ނުކޮށް ކިޔަވައިދޭ ދިނުން ނިމުމަކަށް ގެނެސް ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދޭން ފެށީ 2008 ގައި އުފެދުނު އެމްޑީޕީގެ ވެރިކަމުގަ އެވެ.