Advertisement

ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ހާހެއްހާ ކުދިން، އެތަނުން 400 ކުއްޖެއްގެ ކުށުގެ ރެކޯޑު އެބައޮތް: އިހުސާން

ހޯމް މިނިސްޓަރު، އަލީ އިހުސާން؛ އޭނާ ވިދާޅުވީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުދިންނަށް ހައްލެއް ހޯދައިނުދެވިއްޖެ ނަމަ އެ ކުދިން ފެންނާނީ ޖަލުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ހާހެއްހާ ކުދިން، އެތަނުން 400 ކުއްޖެއްގެ ކުށުގެ ރެކޯޑު އެބައޮތް: އިހުސާން

ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ 1000 އެއްހައި ކުދިން ދިވެހި މުޖުތަމައުގެ ތެރޭގައި އެބަ ތިބި ކަމަށާއި، އެ ކުދިންނަށް ހައްލެއް ހޯދައި ނުދެވިއްޖެ ނަމަ އެ ކުދިން ފެންނާނީ ބޮޑެތި ކުށްވެރިންގެ ގޮތުގައި ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ އަހާ ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ސީދާ ކުށް ކުރާ، ކުށުގެ ރިކޯޑު އޮތް 400 ކުއްޖަކު މިހައިތަނަށް ފާހަގަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލައިގެ ހަގީގަތަށް ބަލާއިރުގައި ފުލުހުންގެ މުއައްސަސާގަ އާއި އަޅުގަނޑުމެންގެ ކުޑަކުދިންގެ ކަންކަމުގައި އަދުލުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑަށް ޒިންމާ އުފުލަމުންދާ ޑީޖޭޖޭ [ޑިޕާޓުމެންޓް އޮފް ޖުވެނައިލް ޖަސްޓިސް] ގެ ތެރޭގައި ރިކޯޑު ކުރެވިފައި ހުރި 400 އަށް ވުރެ ގިނަ ކުދިން މިހާރު އެބަތިބި ކުށުގެ ވެށީގައި އުޅެމުންދާ، ކުށުގެ ރިކޯޑު އޮތް ކުދިން،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ކުދިންގެ އިތުރުން، ކުށުގެ ވެށްޓަށް ވަދެދާނެ ކަމުގެ ބިރު އޮތް ކުދިން ވެސް ބައިވަރު އެބަތިބި ކަމަށެވެ. އަދި ކުށުގެ ވެށީގައި، ކުށް ކުރުމަށް އެކި މީހުން ބޭނުން ކުރަމުންދާ ކުދިން ވެސް އެހައި ބައިވަރު އެބަތިބި ކަމަށް އިހުސާން ވިދާޅުވި އެވެ.

"މި 1000 ކުދިން އަޅުގަނޑުމެން އަޅައިނުލައިފި ކަމަށް ވެއްޖެއްޔާމުން، ނުވަތަ މިއޮއްހައި ދުވަހު މި ނިޒާމުގެ ތެރޭގައި ކަންކަން އޮތް ގޮތަށް ބާއްވާފައި އޮވެއްޖެ ކަމަށްވެއްޖެއްޔާމުން މި 1000 ކުދިން ފެންނާނީ ޖަލުން، އެހެން ނޫނިއްޔާ ޖަލަށް ދާވަރުގެ ކުށް ކުރަމުންދާތަން ފެންނާނީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، ހޯޕް އައިލެންޑުގެ ނަމުގައި ވަކި ރަށެއް ތަރައްގީ ކުރަމުން ދަނީ އެގޮތަށް ކަންކަން ވިޔަ ނުދިިޔުމަށްޓަކައި، އެފަދަ ކުދިން އަނބުރާ މުޖުތަމައުގެ ތެރެއަށް ގެނައުމަށްޓަކައި ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެ ރަށް ތަރައްގީކޮށް އޮޕަރޭޝަނަށް ގެނައުމުގެ ކުރިން، މިހާރު ވެސް އެފަދަ ކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.