Advertisement

އާ ޓެރިފް ރޭޓުތަކަށް އަމަލުކުރުން ޗައިނާ އާއި އެމެރިކާއިން 90 ދުވަހަށް ފަސްކުރަނީ

12 މޭ 2025 - 14:52 0


އާ ޓެރިފް ރޭޓުތަކަށް އަމަލުކުރުން ޗައިނާ އާއި އެމެރިކާއިން 90 ދުވަހަށް ފަސްކުރަނީ

12 މޭ 2025 - 14:52 0

ޖެނީވާ، ސްވިޒަލޭންޑް (މެއި 12) - ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސޯދު ކަމަށްވާ ޗައިނާ އާއި އެމެރިކާއިން އެއް ގައުމު އަނެއް ގައުމުގެ މުދަލުން ނަގަން ނިންމި ބޮޑު ޓެރިފް ރޭޓުތަކަށް އަމަލު ކުރުން 90 ދުވަހަށް ފަސްކުރުމަށް އެއްބަސްވެއްޖެ އެވެ.

ޗައިނާ އާއި އެމެރިކާ ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވީ ޖެނީވާގަ އެވެ. އެއަށް ފަހު ވާހަކަ ދައްކަވަމުނ އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސިނެޓް ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޓެރިފް ނަގާނީ 10 ޕަސެންޓުގަ އެވެ.

"ދެ ގައުމުން ވެސް އެ ގައުމުގެ ގައުމީ މަސްލަހަތު ވަރަށް ފުރިހަމައަށް ތަމްސީލުކުރި އެވެ. ބެލެންސްޑް ވިޔަފާރީގައި އަޅުގަނޑުމެން ދެ ގައުމުގައި ވެސް މަސްލަހަތު އެބައޮތް، އެމެރިކާ އެ މަގަށް ކުރިއަށް ދާނެ،" ބެސިނެޓް ވިދާޅުވި އެވެ.

ޖެނީވާގެ ބައްދަލުވުންތަކަކީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާ އާއި ޗައިނާގެ އިގްތިސާދީ އޮފިޝަލުންގެ މެދުގައި ބޭއްވެވި ފުރަތަމަ މަޝްވަރާތަކެވެ.

މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާގެ އިމްޕޯޓަރުން ޗައިނާގެ މުދަލަށް ދައްކަން ޖެހޭ ޓެރިފް 145 ޕަސެންޓަށް ބޮޑުކުރި އެވެ. އޭގެ އިތުރުން، ފުރަތަމަ ދައުރުގައި ޗައިނާގެ އެކި މުދަލުން ނެގުމަށް އޭނާ ތައާރަފު ކުރި ޓެރިފާއި ބައިޑަންގެ ސަރުކާރުން ކުޑަކުރި ޑިއުޓީ ވެސް ޓްރަމްޕް ވަނީ ބޮޑު ކުރައްވާފަ އެވެ.

އޭގެ ރައްދެއްގެ ގޮތުން ޗައިނާއިން ވަނީ އެމެރިކާގެ މުދަލުން 125 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމާފަ އެވެ. އެމެރިކާ އާއި ޗައިނާގެ މެދުގައި އަހަރެއްގެ މައްޗަށް 600 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެ އެވެ.