12 މޭ 2025 - 14:06 1
ލީވާން އަލީ ނާސިރު
ހައްޖުވެރިންތަކެއް: މި އަހަރު ހައްޖަށްދާ އެންމެނަށް މި ފައިސާ ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
12 މޭ 2025 - 14:06 1
މި އަހަރު ހައްޖަށް ދާ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުތަކުން މިހާރު ލިބޭ 250 ޑޮލަރުގެ އިތުރުން 1،750 އެމެރިކާ ޑޮލަރު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ލުއިކޮށްދިނުމަށް 1،750 ޑޮލަރު އިތުރަށް ނެގޭ ގޮތް ހަމަޖައްސައިދޭން ބީއެމްއެލް އަށް އަންގާފައިވާ ކަމަށެވެ.
"ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފިން،" ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ ބޭންކުގެ ގޮތުގައި ބީއެމްއެލްއިން ކުރަމުންގެންދާ މަސައްކަތަށް އެ ބޭންކަށް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު އުމްރާއަށްދާ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ލިމިޓް 1،500 އަށް އިތުރުކޮށްފައިވެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑު ކުރަން ބޭނުންވާ ދަރިވަރުންނަށް ޕޯޓަލްއެއް މެދުވެރިކޮށް އެ ފުރުސަތު ބީއެމްއެލް އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment