Advertisement

ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ލޯއޭޝިޔާއިން ގޮވާލައިފި

12 މޭ 2025 - 08:16 5

ވަކި ކުރަން މަސައްކަތް ކުރާ ދެ ފަނޑިޔާރުން:


ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ލޯއޭޝިޔާއިން ގޮވާލައިފި

12 މޭ 2025 - 08:16 5

އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް އިން ގޮވާލައިފި އެވެ.

ލޯއޭޝިޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެ މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ދެފުށް ފެންނަންޖެހޭ ކަމަށް ވެސް ލޯއޭޝިޔާއިން ބުންޏެވެ. އަދި ފަނޑިޔާރުން ވަކި ކުރަން ގެންގުޅޭ އުސޫލަކީ އިންސާފު، އަދުލުވެރި އުސޫލެއްކަން ކަށަވަރު ކުރަން ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.

ސުޕްރީމް ކޯޓުން ވަކި ކުރަން މަސައްކަތް ކުރަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރެވެ. އެ ދެ ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި މަޖިލީހަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުމުގައި މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ އާދީއްތަ ދުވަހު ނިންމައިފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އަޒްމިރާްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. ބާ ކައުންސިލުން އެދުނީ، ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއިން ނިންމީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށެވެ. އަދި މަޖިލީހުން މައްސަލަ ނިންމާއިރު އަށް ކަމަކަށް ބެލުމަށް އެ ކައުންސިލުން އެދުނެވެ. އެއީ:

  • ޖޭއެސްސީ އިން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރުން
  • ޖޭއެސްސީ އިން ފާހަގަކޮށްފައިވާ ކަންކަމަކީ ތުހުމަތުވާ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ކަށަވަރު ކުރުން
  • ފަނޑިޔާރުން ވަކި ކުރަން ނިންމި ނިންމުމަށް ވާސިލުވެފައިވަބީ ބުރަދަން ހުރި ހެކީގެ މައްޗަށް ކަން ކަށަވަރު ކުރުން
  • ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުން
  • ދިފާއީ ވަކީލުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުން
  • ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން
  • ފަނޑިޔާރުން ހާޒިރު ކުރާ ނަމަ ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ބޭއްވުން
  • މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމާއިރު އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުން

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިއްޔެ މައްސަލަ ނިންމީ ފަނޑިޔާރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދީ އެވެ. އަދި މައްސަލަ ވަކި ހިސާބަކުން ކުރިއަށްގެންދިޔައީ މަގުބޫލު ސަބަބެއް ނެތި ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރު ކުރަން ނިންމި ހިސާބުން ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން ޖޭއެސްސީގެ ރިޕޯޓު ފާސް ކުރުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މަސައްކަތް ކުރާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.