Advertisement

ރިޔާސީ ކޮމިޝަނުން ތަންތަނަށް ގޮސް މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރަން ފަށައިފި

11 މޭ 2025 - 13:37 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އެ ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރާނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ކޮމިޝަންގެ ރައީސް އޮތި ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް


ރިޔާސީ ކޮމިޝަނުން ތަންތަނަށް ގޮސް މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރަން ފަށައިފި

11 މޭ 2025 - 13:37 1

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ ކޮމިޝަނުގެ މަސައްކަތްތައް ފަށާފައިވާކަން ހާމަކޮށްފި އެވެ.

އެޕްރީލް 26، ގައި ނެރުނު ރައީސްގެ ގަރާރަކުން އުފެއްދި މި ކޮމިޝަނުގައި އެންމެ ފުރަތަމަ ތިއްބެވީ ތިން މެންބަރުންނެވެ. ކޮމިޝަނުގެ މަސައްކަތްތައް ފަށައިނުގަނެވެނީސް އޭގެ ތެރެއިން އެއް ބޭފުޅަކު އިސްތިއުފާ ދެއްވި އެވެ. އެއަށް ފަހު ތިން މެންބަރުން އެ ކޮމިޝަނަށް އައްޔަނުކޮށް ފަސް މެންބަރުންނާ އެކު ކޮމިޝަނުގެ މަސައްކަތްތައް ފެށީ އެޕްރީލް 30، ގަ އެވެ.

"މެންބަރުން ވަނީ، މިއަދާ ހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތް ކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށްޓަވައިފަ،" އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ. އެ ކޮމިޝަނުގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރު އެވެ. މުނައްވަރުގެ އިތުރުން ރިޔާސީ ކޮމިޝަނުގައި ދެން ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސް އައިމިނަތު އީނާސް އެވެ.

ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މިދިޔަ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާމެދު އާންމުންގެ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.