Advertisement

ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތީ ދަރަޖަ ބޭނުން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތީ ދަރަޖަ ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތީ ދަރަޖަ ބޭނުން: ރައީސް

ސަރުކާރުން މައުލޫމާތު ހާމަ ނުކުރާތީ ނޫސްވެރިންގެ ކަންބޮޑުވުންތަކެއް އޮތް ދަނޑިވަޅެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތީ ދަރަޖަ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް 2.0 ސަމިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެސްޓޯނިއާއެކޭ އެއްފަދައިން ރާއްޖެއަކީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ކުރީގައި އޮތް ގައުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ހަދަން ބޭނުންވާ ކަމަށެވެ.

"މައުލޫމާތު ލިބުމުގައި ވެސް އޭގައި ކުރިއެރުން ލިބިގެންދޭ. އެސްޓޯނިއާއަކީ މުޅި ދުނިޔޭގައި ވެސް ޕްރެސް ފްރީޑަމްގައި ދެވަނައަށް އެންމެ މަތީގައި އޮތް ގައުމު. ދެވަނަ. އިއްތިފާގެއް ނޫން. އަޅުގަނޑު ބޭނުން ދިވެހިރާއްޖެ ވެސް އެތައް ދަރަޖައެއް މައްޗަށް ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި މަތީ ދަރަޖަ ހޯދުމާއި ޑިޖިޓަލައިޒް ކުރުމާއި އެއީ ގުޅިލާމެހިފައި އޮތް ކަމަށެވެ.

"މައުލޫމާތު ހިއްސާ ކުރުމާއި މައުލޫމާތު ލިބިދިނުމުގައި ޕްރެސް ފްރީޑަމްގައި ދިވެހިރާއްޖެ އެތައް ގުނައެއް ރަނގަޅުކުރަން، މަތިކުރަން އަޅުގަނޑު ބޭނުން. އެކަން ކުރުމުގައި ވެސް މި ނިޒާމު ޑިޖިޓަލައިޒް ކުރުމަކީ ހަމަ ގުޅި ލާމެހިފައި އޮތް ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 ގެ މަގުސަދަކީ ރާއްޖެއަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ، މައުލޫމާތު ފަސޭހައިން ލިބޭ އަދި ޒިންމާދާރުކަމާ އެކީ ވަރަށް އަވަސް މިނުގައި ހިދުމަތް ދޭ ގައުމަކަށް ހެދުން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވުމުން ހުރިހާ ނޫސްވެރިންހެން ވަނީ ސަރުކާރުން މައުލޫމާތު ލިބުމުގައި ދިމާވާ ދަތިތައް އެމަނިކުފާނާ ހިއްސާކޮށްފަ އެވެ. އަދި ރައީސް މުއިއްޒު ދޮޅު އަހަރަށްފަހު ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން، އެކަމާ ގުޅިގެން ވެސް ހުރި ކަންބޮޑުވުންތައް ނޫސްވެރިން ފާހަގަކުރި އެވެ.