Advertisement

ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުގެ އަމާޒަކީ 2028 ގެ ކުރިން މިގޮތަށް ބަދަލުކުރުން -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރަނީ

ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން 2028 އިން ފެށިގެން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް 2.0 ސަމިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރާނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ 2028 ވަނަ އަހަރު ފެށޭއިރު ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގޭގައި ތިބެގެން ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގެއިން މަސައްކަތްކުރާ ގޮތަށް ކަނޑައަޅާ މުވައްޒަފުންގެ ތެރޭގައި ހަފްތާއަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތެއްގައި އޮފީހަށް އަންނަން ޖެހޭ މުވައްޒަފުން ވެސް ތިބޭނެ ކަމަށެވެ.

"ހަފްތާއަކު 30 ގަޑިއިރު ނޫނީ ކަނޑައެޅޭ ވަކި ވަގުތެއްގައި ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެ ތެރޭގައި ހިމެނޭ ގޮތަށް، ގޭގައި ތިބެގެން ކޮންމެހެން ހިދުމަތަށް އޮފީހަށް އަންނަން ޖެހޭ ތިބޭނެ. މިސާލަކަށް ސިއްހީ ހިދުމަތްތެރިން. މިހެން ގޮސް ވަކި ފަރާތްތަކެއް ތިބޭނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމުން ސަރުކާރުގެ ހިންގުން ހަރުދަނާވެ، ހަރަދު ވެސް ކުޑަ ވެގެންދާނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަތުރުގެ ތެރެއިން 2028 އިން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް އެންމެން އެކައްޗެއް ކިޔައިގެން ހާސިލު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތައް ބައިވެރިވެގެން ހިންގާ ގޮތަށް، މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ފެށީ މިރެ އެވެ.

އެ ސަމިޓު ކުރިއަށް އޮތް ދެ ދުވަހު ކުރިއަށް ގެންގޮސް ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމް ވެގެންދާނެ ގޮތާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ހުރިހާ އިދާރާތަކުން އެއްބަސްވާ ގޮތަށް ކަންކަން ނިންމާނެ އެވެ.