8 މޭ 2025 - 16:02 0
ލީވާން އަލީ ނާސިރު
ވާނުވާ ބަންދާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
8 މޭ 2025 - 16:02 0
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންނަށް އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ސަރުކާރުން މަޝްވަރާކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނޭ ގޮތަށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.
ރައީސް މުއިއްޒު އިއްޔެ ބައްދަލުކުރި "ވާނުވާ ބަންދު" ގައި ތިބި މީހުންނާ ގުޅޭގޮތުން ވަކާލާތުކުރާ މީހުން ހުށަހެޅި ހިޔާލުތަކަށް މިއަދު ރައީސް އޮފީހުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ވާނުވާ ބަންދަށް ދާއިމީ ހައްލެއް ގެނެވޭނީ މައްސަލަތައް ބަލައި ނިންމުން އަވަސް ކުރުން ކަމަށެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.
"އެއްކަމަކީ، ޕޮސިބިލިޓީ އޮތް ކަމެއްތޯ އަޅުގަނޑު މި ބަލަނީ، ޓެގް އިނގޭތޯ. އާދައިގެ ބަހުން ކިޔަންޏާ ޓެގް. އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން މި ވާނުވާގައި ތިބި މީހުންގެ ތެރެއިން ބައެއް ފަރާތްތައް މީގެތެރޭގައި ހިމެނޭތޯ،" ރައީސް ވިދާޅުވި އެވެ.
ވާނުވާ ބަންދުގެ މައްސަލައިގައި ވާނުވާގައި ތިބި މީހުންގެ އާއިލާތަކުން ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް އަޑު އުފުލާފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހުކުމާ ހިސާބަށް ތިބެން ޖެހޭ މުއްދަތު ކުޑަ ކުރަން ނަން ސިއްރުކޮށްގެން ރަށްރަށުގައި ތިބި ގާޒީން ބޭނުން ކުރެވިދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީީހުންނަށް މަހެއްގެ މައްޗަށް ބޮލަކަށް 27،000ރ. ހަރަދުވެ އެވެ.
Comment