Advertisement

ކަސްޓަމްސްގެ އޮޑިޓުތަކުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާ މިންވަރު ބަލަން އަންގަނީ

8 މޭ 2025 - 09:37 0

ކަސްޓަމްސްގެ މައި އޮފީސް އިމާރާތް: ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ކަސްޓަމްސްއިން ނަގާ ޑިއުޓީތަކުން --- އަދަދު ފައިލް ފޮޓޯ


ކަސްޓަމްސްގެ އޮޑިޓުތަކުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާ މިންވަރު ބަލަން އަންގަނީ

8 މޭ 2025 - 09:37 0

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ އޮޑިޓު ރިޕޯޓުތަކުގައި އޮޑިޓަރުން ފާހަގަކުރާ ކަންތައްތަކާ މެދު އިސްލާހީ ފިޔަވަޅު އަޅާ މިންވަރާއި, އިސްލާހުކުރަން ދީފައިވާ ލަފަޔަށް އަމަލުކުރެވިފައިވާ މިންވަރު ބެލުމަށް އޮޑިޓާ ޖެނެރަލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީން މި ގޮތަށް ކަންކަން ކުރަން އަންގަން ނިންމީ ކަސްޓަމްސްގެ އަށް އަހަރުގެ އޮޑިޓު ރިޕޯޓުތައް ދިރާސާކުރުމަށް ފަހުގަ އެވެ. އެ ކޮމިޓީން ދިރާސާކުރީ 2012 އިން ފެށިގެން 2019 އާ ހަމައަށް އޮޑިޓާ ޖެނެރަލް އޮފީހުން ހަދާފައި ހުރި އެ ކަސްޓަމްސްގެ އޮޑިޓު ރިޕޯޓުތަކެވެ.

ކަސްޓަމްސްގެ އޮޑިޓުތަކުގެ ތެރެއިން މައްސަލަތައް ހުރި ކަމަށް ފާހަގަކޮށް، އެ ކަންކަން އިސްލާހުކުރަން އޮޑިޓަރުން ލަފާ ދީފައި ވަނީ ހަތް އަހަރެއްގެ ރިޕޯޓުގަ އެވެ. މައްސަލައެއް ނެތް ކަމަށް އޮތީ 2016 އާއި 2018 ގެ ރިޕޯޓުގަ އެވެ.

އެ ނޫން އަހަރުތަކުގެ އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކުރި މައްސަލަތަކުގެ ތެރެއިން މާލިއްޔަތު ކޮމިޓީން އިތުރަށް ބެލި މައްސަލަތަކަކީ:

  • ކަސްޓަމްސްއިން 2012 އަދި 2013 ގައި އިޕްސަސް ސްޓޭންޑާޑްސްއާ އެއްގޮތަށް ހިސާބުތައް ބަލަހައްޓާފައި ނުވުން
  • ކަސްޓަމްސްއިން 2012 އިން ފެށިގެން 2015 އަށް ހަރުމުދަލުގެ ރަޖިސްޓްރީ ރަނގަޅަށް ބަލަހައްޓާފައި ނުވުން
  • ބައުންސްވާ ޗެކުތަކާ މެދު ފިޔަވަޅު އެޅެނޭ އުސޫލެއް ކަސްޓަމްސްގެ އުސޫލުތަކުގައި ބަޔާންކޮށްފައި ނެތުން
  • ރާއްޖޭގައި ބޭނުންކޮށްފައި އަނބުރާ ގެންދާ ގޮތަށް އެތެރެކުރާ މުދާ އަނބުރާ ނުގެންދާ ނަމަ ފިޔަވަޅު އަޅަން ދަތިވުން

މި މައްސަލަތައް ބެލުމަށް ފަހު، މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ފާސްކުރީ އޮޑިޓުތަކުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުރި ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަސްޓަމްސްގެ އުސޫލުތައް ބައްޓަން ކުރުމަށެވެ.

އޭގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަ ކުރުމަށާއި، ރާއްޖޭން ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް އިމްޕޯޓުކޮށްފައި ހުރި މުދަލަށް ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް ދޫކުރުމުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނުލިބިވާ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށާއި، އެ ފައިސާ ހޯދުމުގެ ކަންކަން ހިނގަމުންދާ ގޮތް މަޖިލީހާ ހިއްސާކުރުމަށް އަންގަން ވެސް ކޮމިޓީން ނިންމާފައިވެ އެވެ.