Advertisement

ޑެމްބެލޭ ފިޓް، ޕީއެސްޖީގެ ބޮލުގެ ރިހުމަށް ލުޔެއް

7 މޭ 2025 - 11:05 0


ޑެމްބެލޭ ފިޓް، ޕީއެސްޖީގެ ބޮލުގެ ރިހުމަށް ލުޔެއް

7 މޭ 2025 - 11:05 0

ޕެރިސް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އާސެނަލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅޭ މެޗަށް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އޮސްމާން ޑެމްބެލޭ ފިޓްވެއްޖެ އެވެ.

މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ޕީއެސްޖީން 1-0 އިން މޮޅުވިއިރު، އެ މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑެމްބެލޭ އެވެ. އެކަމަކު، ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ފްރެންޗް ލީގުގައި މި ހަފްތާގައި ޕީއެސްޖީން 2-1 އިން ސްޓްރާސްބޯ އަތުން ބަލިވި މެޗުގައި ޑެމްބެލޭ ނުކުޅެ އެވެ.

އެކަމަކު، ޑެމްބެލޭ މިހާރު އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

"މިދިޔަ ދެ ދުވަހު އޭނާ (ޑެމްބެލޭ) އެ އަންނަނީ އަހަރެމެންނާ އެކު ޓްރެއިން ކުރަމުން. އަންގާރަ ދުވަހުގެ ޓްރެއިނިންގައި ވެސް ތި މީހުންނަށް އޭނަ ފެންނާނެ. އޭނަގެ ފިޓްނަސް ރަނގަޅު މެޗުގައި ކުޅެވޭނެ،" ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ، މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

ބާސެލޯނާ ދޫކޮށް މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި ޑެމްބެލޭ އަކީ މި ސީޒަނަށް ބަލާއިރު، ޕީއެސްޖީން އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔާ އެވެ. ޕީއެސްޖީ އަށް މި ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖަހައިދިނީ ޑެމްބެލޭ އެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި 33 ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ވަނީ މީގެ ކުރިން އިނގިރޭސި ދެ ޓީމު ކަޓުވާލައިފަ އެވެ. އެއީ، ގަދަ 16 ބުރުގައި ލިވަޕޫލާއި ކުއާޓާ ފައިނަލުގައި އެސްޓަން ވިލާ އެވެ. ސެމީ ފައިނަލް ފުރަތަމަ ލެގުން އާސެނަލް ދަނޑުގައި މޮޅުވެފައިވާއިރު، ޕީއެސްޖީން މިރޭ އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ.

"އަމިއްލަ ދަނޑުގައި ވެސް އަހަރެމެން ބޭނުމީ މޮޅެއް،" އެންރީކޭ ބުންޏެވެ.

ޕީއެސްޖީ އާއި އާސެނަލް މިރޭ 12 ޖަހާއިރު ކުޅޭ މެޗުން ކުރިހޯދާ ޓީމެއް، މި މަހު 31 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުުކުރާނީ އިންޓަ މިލާނާ އެވެ.