Advertisement

ޒުވާނުންގެ މުޒާހަރާގައި އެޗްއާރްސީއެމްގެ މުވައްޒަފުން ބައިވެރިވުން މަނާކޮށްފި

އެޗްއާރްސީއެމްގެ މެންބަރުން: މުޒާހަރާ ކުރުމުގެ ހައްގު ދިފާއު ކުރަންޖެހެނީ މި މެންބަރުން -- ފޮޓޯ: އެޗްއާރްސީއެމް


ޒުވާނުންގެ މުޒާހަރާގައި އެޗްއާރްސީއެމްގެ މުވައްޒަފުން ބައިވެރިވުން މަނާކޮށްފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ޒުވާނުން ސިލްސިލާކޮށް ކުރާ މުޒާހަރާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މުވައްޒަފުން ބައިވެރިވުން މަނާކޮށްފި އެވެ.

އެޗްއާރްސީއެމްގެ ބައެއް މުވައްޒަފުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޒުވާނުން އިސް ނަގައިގެން ކުރަމުންދާ މުޒާހަރާގައި ބައިވެރިނުވާން އެތަނުގެ ހުރިހާ މުވައްޒަފުންނަށް ވެސް އަންގާފައިވާ ކަމަށެވެ. މުޒާހަރާ ކުރުން މަނާ ކުރީ ފުލުހުންގެ ޝަކުވާތަކެއް ލިބިގެން ކަމަށް ވެސް އެޗްއާރްސީއެމްގެ އިސް ވެރިން މުވައްޒަފުން ކައިރީ ބުނެފައިވެ އެވެ.

"މިދިޔަ ހަފްތާގައި އެންގީ އެއްވެސް މުޒާހަރާއެއްގައި ބައިވެރިނުވާން. އެޗްއާރްސީއެމްގެ މުވައްޒަފުން މުޒާހަރާގައި ބައިވެރިވާތީ އެކަން ހުއްޓުވަން އެންގީ ފުލުހުންގެ އިސްވެރިން. އޭގެ ފަހުން މުވައްޒަފުން ބައިވެރިއެއް ނުވޭ،" އެ ކޮމިޝަންގެ މުވައްޒަފަކު ބުންޏެވެ.

މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގެކެވެ. އެ ހައްގު ދިފާއު ކުރަން މަސައްކަތް ކުރަންޖެހޭ ކޮމިޝަނުން، އެތަނުގެ މުވައްޒަފުން މުޒާހަރާ ކުރުން މަނާކޮށްފައިވާތީ ބައެއް މުވައްޒަފުން ވަނީ އެކަމުގެ ކަންބޮޑުވުން މި ނޫހާ ހިއްސާކޮށްފަ އެވެ.

މުވައްޒަފުން މުޒާހަރާގައި ބައިވެރިވުން މަނާ ކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން އެ ކޮމިޝަނުން މިހާތަނަށް ޖަވާބެއް ދީފައެއްނުވެ އެވެ.

ޔުމްނުގެ ދިފާއުގައި ޒުވާނުން ކުރާ މުޒާހަރާތަކުގައި އެޗްއާރްސީއެމް ހިމެނޭ ގޮތަށް އެކި ކޮމިޝަންތަކުގެ މުވައްޒަފުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން އަދި މިނިސްޓްރީތަކުގެ މުވައްޒަފުން ވެސް ދަނީ ބައިވެރިވެ އަޑުއުފުލަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާ ގުޅިގެން އާންމުން ގިނަ ސުވާލުތަކެއް އުފައްދާފައި ވަނިކޮށް، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ހިމެނޭ އިތުރު މީހުން ވެސް ހައްޔަރުކޮށް ޔުމްނުއަށް އިންސާފު ހޯދައިދީ، އެ މައްސަލައަށް ނުފޫޒު ފޯރުވި މީހުންނާއި އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެކަމަކު އެ ރިޔާސީ ކޮމިޝަނަށް ވެސް އިތުބާރެއް ނެތް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.