6 މޭ 2025 - 15:40 0
އަހުމަދު އާއިދު
އައްޑޫ މަގެއް މަތިން މީހަކު ބައިސްކަލެއްގައި ދަތުރުކުރަނީ: އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭތާ ގިނަ މަސްތަކެއް ވެއްޖެ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
6 މޭ 2025 - 15:40 0
ކަރަންޓު ވިއުގައިގައި ހުރި މައްސަލަތަކެއްގެ ސަބަބުން ދޭތެރެދޭތެރެއިން ކަރަންޓު ކަނޑާލަން މަޖުބޫރުވެފައިވާ އައްޑޫ ސިޓީގެ ގުޅިފަިއވާ ރަށްތަކުން މިއަދު ވެސް ކަރަންޓު ކަނޑާލައިފި އެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން ފޮނުވާފައިވާ މެސެޖެއްގައި ބުނީ މިއަދު 2:30 ފެށިގެން ހިތަދޫ އަދި ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ. ކަރަންޓު ކަނޑާލަނީ ސަރަހައްދީ އިންޖީނުގެއިން ބޭރަށް އަޅާފައި ހުރި އެޗްވީ ކޭބަލްތަކަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ކަމަށް އެ މެސެޖުގައިވެ އެވެ.
"މިކަމަކީ ކަރަންޓު ކަނޑާނުލާ ހައްލު ނުކުރެވޭ ކަމެއްކަމާއި އަދި ކަރަންޓު ދީގެން ކޭބަލްގެ މަސައްކަތް ކުރުމުގެ ނުރައްކާތެރި ކަމެއްކަން ފާހަގަކުރަން،" ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އިއްޔެ ވެސް ކަރަންޓު ކެނޑުނެވެ. އިއްޔެ މައްސަލަ ދިމާވީ އިންޖީނަކަށެވެ. އިއްޔެ ފަތިހުން ފެށިގެން ހެނދުނަށް ކަރަންޓު ކެނޑުމާ ގުޅިގެން ސްކޫލުތަކާއި އޮފީސްތަކުގެ މަސައްކަތަށް ބުރޫ އެރި ކަމަށް އައްޑޫއިން މައުލޫމާތު ލިބިފައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ. މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ.
ނަމަވެސް، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް ވަނީ މަދުވެފަ އެވެ.
މީގެއިތުރުން، އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ބީރު ކަންފަތެއް ދީ ބޭރުކޮށްލީ އެވެ.
Comment