6 މޭ 2025 - 12:16 0
6 މޭ 2025 - 12:16 0
މިލާން (މެއި 6) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ބާސެލޯނާގެ 17 އަހަރުގެ ތަރި، ލަމީން ޔަމާލް ނުހުއްޓުވައި، އިންޓަ މިިލާނަށް މުބާރާތުގެ ފައިނަލަށް ދެވޭނެ މަގެއް ނުފެންނަ ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި، މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މި މެޗުގައި އިންޓަ އިން ހުރިހާ ފަހަރެއްގައި ވެސް ލީޑުނެގި އެެވެ. އެކަމަކު، ބާސެލޯނާ ބަލިނުވެ ކުރިއަށްދިއުމަށްޓަކައި، ޔަމާލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗަށް ފަހު ވެސް އިންޒާގީ ވަނީ ޔަމާލަށް ވަރަށް ތައުރީފުކޮށްފަ އެވެ.
އިންޒާގީ ވަނީ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެސް ޔަމާލްގެ ވާހަކަ ދައްކައިފަ އެވެ.
"އޭނަ (ޔަމާލް) ވީހާވެސް ބޯޅައާ ދުރުގައި ބަހައްޓައިގެން ކުޅެން އަހަރެމެން ބޭނުންވަނީ، އެކަމަކު، އެއީ ވާނެ ކަމެއް ނޫން. (ޔަމާލް ކައިރީގައި) ދެ މީހުން ބަހައްޓައިގެން މާކް ކުރިޔަސް ނޫނީ އޭނައާ އެކު އަބަދު ކުޅުންތެރިއަކު ބަހައްޓައިގެން ވެސް މި ކަން ކުރަން އެބަޖެހޭ. 17 އަހަރުގެ ކުޅުންތެރިޔަކާ ބަލާއިރު އޭނާ އާދަޔާހިލާފަށް ހުނަރުވެރި،" އިންޒާގީ ބުންޏެވެ.
އޭނާ ބުނީ، ޔަމާލްގެ އެންމެ ހާއްސަ ކަމަކީ އެހެން ކުޅުންތެރިންނަށް ވުރެ ތޫނުފިލި ވުމާއި ގޯލު ޖެހުމަށާއި ޓީމު ކުޅުންތެރިންނަށް އެހީތެރިވުމުގައި އަބަދުވެސް ތައްޔާރަށް ހުންނަ ކުޅުންތެރިއެއް ކަމަށްވުމުން ކަމަށެވެ.
އިންޓަގެ ފޯވާޑް ލައުޓާރޯ މާޓީނޭޒް، މިރޭގެ މެޗަށް ފިޓްވެފައިވާއިރު، އެ ޓީމުގެ ފުލްބެކް، ބެންޖަމިން ޕަވާޑްގެ ފިޓްނަސްއާ މެދު އިންޓަ އަށް އަދި ސީދާ ގޮތެއް ކަނޑައެޅިފައިނުވެ އެވެ. އެކަމަކު، އިންޒާގީ ބުނީ އިންޓަ އިން ކޮންމެ ޓީމެއް ނެރުނު ކަމުގައި ވިޔަސް ފައިނަލަށް ދިއުމަށްޓަކައި ފަހު ވަގުތާ ހަމައަށް ހިތްވަރުކުރާނެ ކަމަށެވެ.
އިންޓަ ދަނޑުގައި ބާސެލޯނާއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Comment