Advertisement

ޕްރެޝަރަށް ވެއްޓިިއްޖިއްޔާ ލަނޑު ލިބޭނީ ބާސެލޯނާ އަށް: ފްލިކް

6 މޭ 2025 - 12:03 0


ޕްރެޝަރަށް ވެއްޓިިއްޖިއްޔާ ލަނޑު ލިބޭނީ ބާސެލޯނާ އަށް: ފްލިކް

6 މޭ 2025 - 12:03 0

މިލާން (މެއި 6) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އިންޓަ މިލާން ދަނޑުގައި މިރޭ ކުޅޭ މެޗަށް ނުކުމެ ޕްރެޝަރަށް ވެއްޓިގެން ކުޅެން އުޅެފިނަމަ ލަނޑު ލިބޭނީ ބާސެލޯނާ އަށް ކަމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ބުނެފި އެވެ.

ހަ އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ އިން ކުޅޭ ފުރަތަމަ ފަހަރުގައި، އެ ޓީމުގެ ދަނޑުގައި އިންޓައާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެހެންކަމުން، މިރޭ އިންޓަ ދަނޑުގައި ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

މި މެޗުގެ ކުރިން ފްލިކް ވަނީ ބާސެލޯނާ އިން މެޗު ޕްރެޝަރަށް ހޭނިގެން ރަނގަޅު ކުޅުމެއް ދައްކަން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

"މި ލެވަލްގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި އިންޓައާ ދެކޮޅަށް ކުޅުމަކީ ވަރަށް ބޮޑު ކަމެއް. ހަގީގަތުގައި އަހަރެމެން ގަޔާވެގެން ޓީމެއްގެ ގޮތުގައި ހަމަޖެހިގެން، ހިތްހަމަޖެހުމާ އެކު ކުޅެލަންވީ، އެއީ އޮތް ގޮތަކީ، މިސާލަކަށް އަހަރެމެން ޕްރެޝަރަށް ވެއްޓިގެން ކުޅެން އުޅެފިއްޔާ ގޯސްތަކެއް ހެދިގެން ލަނޑު ލިބޭނީ،" ފްލިކް ބުންޏެވެ.

ފުރަތަމަ ލެގާ އަޅާކިޔާއިރު ބާސެލޯނާ އިން ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ސަމާލުވާން ޖެހޭނެ ކަމަކީ ޑިފެންސް ކުރުމަށް ކަމުގައި ފްލިކް ވަނީ ފާހަގަކޮށްފަ އެވެ. ފުރަތަަަމަ ލެގުގައި ތިން ފަހަރު ވެސް ލީޑުނެގީ އިންޓަ އިންނެވެ. ބާސެލޯނާ އަށް ޖެހުނީ ފަހަތުން އަރައި އެއްވަރުކުރާށެވެ.

"ފުރަތަމަ މެޗު އެ ދިޔަ ގޮތަށް ދާން އަހަރެން ނޭދެން. ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން މި ހިސާބުން ކުރިއަށް ދެވޭނީ،" ކުރިން ބަޔާން މިއުނިކާ އެކު، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފްލިކް ބުންޏެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި، ބާސެލޯނާގެ ދެ ފުލްބެކުން ކަމަށްވާ އަލެހަންދްރޯ ބާލްޑޭ އާއި ޖޫލްސް ކޫންޑޭ އަށް ނުކުޅެވޭނެ އެވެ.

އިންޓަ ދަނޑުގައި ބާސެލޯނާއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.