Advertisement

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ފުރިހަމައަށް ތަހުގީގު ކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

6 މޭ 2025 - 08:43 2

ހަމަލާއަށްފަހު ނަޝީދު ފަރުވާ ހޯދަން އުޅުއްވި ދުވަސްވަރު: އެ މައްސަލައިގައި ކުށް ސާބިތުވީ އެންމެ މީހަކަށް އެކަނި -- ފޮޓޯ: ނަޝީދު އާއިލާ


ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ފުރިހަމައަށް ތަހުގީގު ކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

6 މޭ 2025 - 08:43 2

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ ހަތަރު އަހަރު ކުރިން ދިން ބޮމުގެ ހަމަލާ ފުރިހަމައަށް ތަހުގީގު ކުރަން ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ނަޝީދަށް ހަމަލާ ދިންތާ ހަތަރު އަހަރު ފުރުމުން ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގު ނުކުރެވި، މައްސަލައިގައި ހިމެނޭ މީހުން ހޯދިފައިނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"އަހަރަކަށްފަހު އަހަރެއް ފާއިތުވެދިއަ އިރު މި މައްސަލާއިގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން. މި މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައިނުވޭ. އަދި މި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވޭ،" އެ ޕާޓީއިން ބުންޏެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ބައެއް އާ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މި ފަހުން ވިދާޅުވެފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެ ޕާޓީއިން ކަންބޮޑުވުން ފާޅު ކުރި އެވެ.

"މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު 25 މާޗް 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑިމޮކްރެޓްސް އިން ބުނަނީ ރައީސް ނަޝީދަށް ދިން ހަމަލާގައި އިންސާފާ ހަމައަށް ނުދެވިގެން އުޅެނީ މައްސަލައިގެ ސީރިއަސްކަން ގެއްލުވާލާފައިވާތީ ކަމަށެވެ.

"މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު، މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށް ދެކެން. މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިވާވުމުގެ އަސްލަކީ ވެސް މިއީކަމުގައި ދެކެން،" އެ ޕާޓީއިން ބުންޏެވެ.

ޑިމޮކްރެޓްސް އިން ގޮވާލާފައި ވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގޮށް މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއް ހޯދުމަށެވެ.

"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ގޮވާލާ ގޮވާލުން އަދިވެސް ތަކުރާރުކުރަމެވެ. އަދި މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ކުށް ސާބިތުވެފައި ވަނީ ގޮން ގޮއްވާލަން ރިމޯޓަށް ފިތާލި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް އެކަންޏެވެ. އެ މައްސަލައިގައި ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރަށް އަރަން އުޅުއްވަނިކޮށެވެ. ބޮން ހަރުކޮށްފައި ހުރީ ކައިރީ ހުރި ސައިކަލެއްގެ މަޑި ދަށުގަ އެވެ. އެ ބޮން ގޮއްވާލާފައި ވަނީ އެ ސައިކަލާ ނަޝީދު ކައިރިވި ވަގުތު ބެލުމަށްފަހު ރިމޯޓެއް ބޭނުންކޮށްގެނެވެ.

ބޮން ހަދާފައި ހުރީ ވަރަށް ވަރުގަދައަށް، އެތެރެއަށް ރޭޒަރު ފުށްތަކެއް އަޅައިގެންނެވެ. ނަޝީދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ހުރީ ރޭޒަރު ފުށް ވަދެފަ އެވެ. އެމަނިކުފާނުގެ ހިތާ ވަރަށް ކައިރިއަށް ވެސް ރޭޒަރު ވަދެފައި ހުއްޓެވެ. ނަޝީދަށް އަވަސް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި ކުރި 16 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ޖަރުމަނު ސަރުކާރުގެ އެހީގައި ނަޝީދު ފަހުން ފަރުވާ ހޯއްދެވީ އެ ގައުމުންނެވެ.