6 މޭ 2025 - 07:54 10
ލީވާން އަލީ ނާސިރު
ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ބުނާ އެމްއައިއެފްސީ މަޝްރޫއުގެ ކުރެހުމެއް.
6 މޭ 2025 - 07:54 10
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏަކުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓެއް ކުރަން ނިންމާފައިވާ ކަމަށް ބުނެފައި ވިޔަސް، އެއީ ޝައްކާއި ވަހުމުގެ ތެރޭގައި އޮތް މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އަޅާ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓު ކުރަނީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިންނެވެ. އެ ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ އިންވެސްޓްމަންޓުން ބިނާ ކުރާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ "ފައިނޭންޝަލް ފްރީ ޒޯން" އެއް ނުވަތަ ބިޔަ މާލީ ހަބެއް ކަމަށެވެ.
ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި މަޝްރޫއުއަށް އެމްބީއެސް ގްލޯބަލް އިންވެސްޓުމެންޓުން، 8.8 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް ބުނެފައި ވާއިރު، އެއީ ދިވެހި ސަރުކާރުގެ ގާތްހަނޑަކަށް ތިން އަހަރުގެ ބަޖެޓެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، އެ މަޝްރޫއުއަށް ތައުރީފުކޮށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް ވެސް ހުންނަވާ ޝަމްހީދު ވިދާޅުވީ އެ މަޝްރޫއުގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވައި ވިދާޅުވީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުނި ގަތަރުގައި ރަޖިސްޓްރީކުރުމުގެ ބަދަލުގައި ރަޖިސްޓްރީކޮށްފައި ވަނީ ދުބާއީ ކަމަށެވެ. އެ ކުންފުނީގެ އޮފީހެއް ހުރީ މެލޭޝިއާގައި ވެސް ހުންނަ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ވިކިޕީޑިއާ ހޭވިއިރު ޝެއިޚު ނަޔެފް ބިން އީދް އަލް ތާނީގެ ނަމެއް އެ ކުންފުނިން ކުރި ކަމެއް ވެސް ފެންނާން ނެތް ކަމަށެވެ.
"މުޅި އިންޓަނެޓު ހާވައިގެން ވެސް މި މީހުން ކުރި ކަމެއް. ހާސިލުވި ކަމެއް މިހާތަނަށް އަޅުގަނޑަށް ހަމަ ނުފެނުނު،" ޝަމްހީދު ވިދާޅުވި އެވެ.
މިފަދަ އެތައް ސަބަބެއް ހުރުމާއެކު "މިއީ ޝައްކާއި ވަހުމުގެ ތެރޭގައި އޮތް ޕްރޮޖެކްޓެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ބޮޑެތި އިންވެސްޓުމެންޓުތައް ބޭނުންވާ ކަމަށާއި ނަމަވެސް ތާކުންތާކު ނުޖެހޭ ކުންފުނިތަކަކާއެކު އެއްބަސްވުން ހަދައި، ބޮޑެތި ރަސްމިއްޔާތުތައް ބާއްވައިގެން މަޝްރޫއުތަކެއް ނުގެނެވޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މިފަދަ އިންވެސްޓްމަންޓުތައް ހޯދާނަމަ ރައްޔިތުންނަށް އޮޅުވައިނުލައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment