Advertisement

އަމިއްލަ ކަމެއްގައި އޮޑީގެ ކޯޗު އިއަން މަގާމުން ވަކިވެއްޖެ

5 މޭ 2025 - 23:38 0

އަތޫފް އާތިފް

އަތޫފް އާތިފް


އަމިއްލަ ކަމެއްގައި އޮޑީގެ ކޯޗު އިއަން މަގާމުން ވަކިވެއްޖެ

5 މޭ 2025 - 23:38 0

އާ ސީޒަނަށް އޮޑި ސްޕޯޓްސް ކްލަބާ ގުޅުނު އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އާއިލީ ކަމެއްގައި އޮޑީގެ ކޯޗުކަމުގެ މަގާމުން ވަކިވެއްޖެ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބުނު ގޮތުގައި އިއަން ވަނީ ރޭގެ ވަގުތެއްގައި އަމިއްލަ ގައުމަށް ގޮސްފަ އެވެ. އަދި އޭނާ އޮޑީގެ ކޯޗުގެ މަގާމުން ވަކިވާން ނިންމީ އާއިލާގެ މެމްބަރެއްގެ ބަލި ހާލު ބޮޑުވުމާ ގުޅިގެންނެވެ.

އޮޑިން މިރޭ ހާމަކުރި ގޮތުގައި އިއަންއާ އެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް ވަނީ ދެ ފަރާތުގެ އެއްބަސްވުމަކާ އެކު ނިމުމަކަށް ގެނެސްފަ އެވެ. ފުޓްބޯޅަ ކޯޗިން/ޓެކްނިކަލް މަސައްކަތްތަކުގައި 25 އަހަރު ހޭދަކޮށްފައިވާ އިއަން އަކީ ޕްރޯ ލައިސަންސް ކޯޗެކެވެ.

އިއަން، 60، ވަނީ، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލްގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ.

އޮޑިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިއަންއާ އެކު އޮޑިން ހޭދަކުރި ވަގުތުގައި އޭނާ ކޮށްދިން ކަން ކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި، ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޮޑިން ބުނެފައިވެ އެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުގައި އޮޑިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި އޮޑިއަށް އިރުޝާދުދީފައިވަނީ އެސިސްޓެންޓް ދެ ކޯޗުން ކަމަށްވާ އަހުމަދު ފައްރާހު (ފައްރަ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.

އޮޑިން ބުނީ އެ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ކޯޗެއް ހަވާލުވަންދެން ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ވަގުތީ ފަރާތެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އޮޑި އަކީ މުޅިން އަލަށް މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމެކެވެ. އެ ޓީމުގެ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ގޮތުން ރިޓަޔަމެންޓް ދޫކޮށްލައި، އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) އަދި ތަޖުރިބާކާރު ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ގެ ސޮއި ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން ދެވަނަ ޑިވިޝަނުގައި ވެސް އެ ޓީމަށް ކުޅުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.