5 މޭ 2025 - 22:17 1
އަހުމަދު އާއިދު
ސިފައިންގެ އަހަރީ ދުވަހުގެ ހިނގާލުން ބައްލަވާލައްވަން ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ގައްސާން ރައީސް އޮފީސް ކުރިމަތީގައި : ގައްސާން މާދަމާ މަޖިލީހަށް ހާޒިރުކުރާނެ --- ފޮޓޯ: ރައީސް އޮފީސް
5 މޭ 2025 - 22:17 1
މިދިޔަ ސަރުކާރުން އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ނުކުރާ ސަބަބު އޮޅުންފިލުވަން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރަން އެޖެންޑާކޮށްފި އެވެ.
މާދަމާގެ އެޖެންޑާގައި ފުރަތަމަ އޮތީ ދިފާއީ ވަޒީރާ ސުވާލުކުރުމެވެ. އެގްރިމެންޓުތައް ހާމަނުކުރާ ސަބަބު އޮޅުންފިލުވަން ކުރާ ސުވާލުގެ އިތުރުން މިދިޔަ ވެރިކަންތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުން ގެންގުޅުނު ކަމަށް ބުނި ހަތިޔާރުތަކުގެ ތަފުސީލު ހޯދުމަށް ވެސް ގައްސާންއާ ސުވާލު ކުރާނެ އެވެ.
މި ދެ ސުވާލު ވެސް ކުރައްވާނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ. ދެ ސުވާލާ ގުޅޭ އިތުރު ސުވާލުތައް ވަޒީރާ ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބޭނެ އެވެ.
ސަރުކާރުގެ މިހާރު ވެރިން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އެއިރުގެ ސަރުކާރުން އިންޑިއާ އާއެކު ހަދަމުން ދިޔަ އަދި އަމަލުކުރަމުންދިޔަ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
ނަމަވެސް، ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ރައީސް ވަނީ އެއްބަސްވުންތައް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށް ވެސް ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސް އޮފިޝަލުން މީގެ ކުރިން އެކި ޖަލްސާތަކާއި ހިނގާލުންތަކުގައި ބުނެފައިވެ އެވެ.
އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މި ސަރުކާރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަން ވެސް ފެށި އެވެ.
އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، ދެން ހުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ އެއްބަސްވުންތައް އުވާލައިފައެއްނުވެ އެވެ.
އެންމެ ފަހުން ދިފާއީ ވަޒީރު މަޖިލީހަށް ހާޒިރުކުރީ ތުރުކީގެ އަސްކަރީ ކުންފުންޏަކުން ގަތް ޑްރޯންތަކުގެ ތަފުސީލު ހޯދުމަށެވެ. ނަމަވެސް މެންބަރުން ކުރި ގިނަ ސުވާލުތަކަށް ގައްސާން އެ ދުވަހު ޖަވާބެއް ނުދެއްވަ އެވެ. ގިނަ ސުވާލުތަކާ ގުޅޭ ގޮތުން ވިދާޅުވީ، ޖަވާބުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމަށެވެ.
ދިފާއީ ވަޒީރު މަޖިލީހަށް ހާޒިކުރަން އެޖެންޑާ ކޮށްފައިވާއިރު ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މި ފަހުން ވެސް ސަރުކާރުން ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ.
އެގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެއް މިދިޔަ މަހު ރާއްޖެ ގެނަ އެވެ. އެއީ ޔޫއޭއީގެ އެޖް ގްރޫޕް އިން އުފައްދާ 'އަޖްބާން' ސީރީސްގެ ވެހިކަލްތައް ގެންނަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބެލެވެ އެވެ.
އާމާޑް ވެހިކަލްތައް ނުވަތަ ޓޭންކަރުތަކުގެ އިތުރުން ތުރުކީން ހަދިޔާކުރާ މަނަވަރަށް ބޭނުންވާ މިސައިލާއި ހަތިޔާރު ގަންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތައް ދޮގޮކުރައްވައިފަ އެވެ.
Comment