Advertisement

ފަނޑިޔާރުން ވަކި ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި، އެއީ ރައީސް ކުރައްވާ ދަށު ދަރަޖައިގެ އަމަލެއް: އަދާލަތު ޕާޓީ

5 މޭ 2025 - 19:17 2

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އަދާލަތުން ބުނީ ފަނޑިޔާރުން ވަކި ކުރުމަކީ ހިންގާ ޖަރީމާއެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް


ފަނޑިޔާރުން ވަކި ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި، އެއީ ރައީސް ކުރައްވާ ދަށު ދަރަޖައިގެ އަމަލެއް: އަދާލަތު ޕާޓީ

5 މޭ 2025 - 19:17 2

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެއީ ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އިދިކޮޅު އަދާލަތު ޕާޓީއިން ބުނެފި އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އިއްޔެ ނިންމައިފަ އެވެ. އަދި އެ މައްސަލަ މަޖިލީހަށް ފޮނުވުމުން ކަމާ ބެހޭ ކޮމިޓީއިން ވަނީ މައްސަލަ ދިރާސާ ކުރަން ފަށައިފަ އެވެ.

އަދާލަތު ޕާޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުން ވަކި ކުރަން މަސައްކަތް ކުރަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ރައީސް މުއިއްޒުގެ މުށުތެރެއަށްލުމަށް ކަމަށެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ގާނޫނާ ހިލާފަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިންގަވާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ މަގްސަދުގައި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ރައީސް މުއިއްޒު ނުފޫޒު ފޯރުވާފައިވާ ކަމަށް އަދާލަތު ޕާޓީއިން ބުންޏެވެ.

އެ ހުރިހާ ކަމެއް ސަރުކާރުން ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ކޯޓުން ބަލަން ފެށުމުން އެ މައްސަލަ ނުފޫޒު ފޯރުވަން ކަމަށް އެ ޕާޓީއިން ބުންޏެވެ.

"ހަމައެހެންމެ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް،" އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.