ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏަކުން ގާއިމުކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭގައި އަޅާ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓު ކުރީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިންނެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ އިންވެސްޓްމަންޓުން ބިނާ ކުރާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ "ފައިނޭންޝަލް ފްރީ ޒޯން" އެއް ނުވަތަ ބިޔަ މާލީ ހަބެއް ކަމަށެވެ.
މިއަދު މެންދުރު ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މަރުކަޒުގެ ބިންގާ އަޅައިދިނީ ޝެއިހު ނަޔެފް އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނިމޭނީ 2030 ވަނަ އަހަރެވެ. އެތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރުގައި 780،000 އަކަ މީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރަށް ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.
Comment