Advertisement

އިންސާފު ދޭން ތިބި މީހުންނަށް ލިބުނު އިންސާފުގެ ވާހަކަ

5 މޭ 2025 - 08:33 3

ސިޓީބިޓީ

ސިޓީބިޓީ

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން


އިންސާފު ދޭން ތިބި މީހުންނަށް ލިބުނު އިންސާފުގެ ވާހަކަ

5 މޭ 2025 - 08:33 3

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. ހުޅުވާލެވިފައިވާ މި ސިޓީއަކީ، ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުންގެ އަމާލުކަމަށް ގެނެސްދިނުމަށް އެދި މި ނޫހަށް ފޮނުވާފައިވާ ސިޓީ އެކެވެ.

---

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑު މިއަދު މި ސިޓީ ލިޔަން ޖެހުނީ ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭ ކަންކަން މި ގައުމުގައި ހިނގާތީ އެވެ. އިންސާފަކީ މިހާރު އަވާމެންދުރެއް ފަދަ އެއްޗެކެވެ. ސައިބޯނި ބޮތްކެއް ފަދައިން އިނގިލިކޮޅު ކިރިއާޖެހޭ އިރަށް ނެތިގެންދާ އެއްޗަކަށް ވެއްޖެއެވެ. ދައުލަތުގެ އިދާރާތަކުގައި ބުއްދިފިލާ ގޮސްފައިވާ ވެރިން ތިބިކަހަލައެވެ.

އިންސާފު ދޭން ތިބި ދެ މީހުންނަށް ލިބުނު އިންސާފުގެ ވާހަކަ ތިޔަ ބޭފުޅުން އަޑުއެއްސެވިންތޯ އެވެ؟ މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ވާހަކަ އެވެ. ދެ ފަނޑިޔާރުންނަކީ ވެސް އަބުއި ދިރިއުޅުމެއް އުޅުއްވައި ކަންކަމާ ނުބެހި އުޅުއްވި ދެ ބޭފުޅުންނެވެ. ފަހަރުގައި ގާނޫނީ ބަހުސެއް ޖޯޝާއެކު ކުރައްވަފާނެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ވާހަކަ ކިޔާދޭނަމެވެ.

ޑިސެންބަރު 5، 2024 ގެ ހެނދުނު ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިހަށް ގެންދެވުނެވެ. އޭނާ ދޫކޮށްލާފައިވާކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ އިއުލާން ކުރެއްވީ ހެނދުނު 10:38 ކަން ހާއިރު ޝަރީއަތުގެ މަޖިލީހުގައެވެ. 10:55 ގައި ބަންދުން ދޫކޮށްލި އަމުރުގައި ސޮއިކުރައްވައިފިއެވެ. ދޫކޮށްލި ސަބަބަކީ ކުށެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތުމެވެ.

އެ ދުވަހު ހެނދުނު ޝަރީއަތަށް ހާޒިރުވި ވަކީލު ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފިރިކަލުން ދޫކޮށްލި ހަބަރު އަޒްމިރާލްދާއަށް ދެއްވީ ފޯނުގެ މެސެޖަކުންނެވެ. ޓައިމް ސްޓޭޕްމްއާ އެކު މެސެޖު ފެންނަން އެބަ އޮތެވެ. ހަމަ އެފަދައިން، ކްރިމިނަލް ކޯޓުގެ ގާޒީ ސޮއިކުރެއްވި އަމުރުގައި ބަންދުން ދޫކޮށްލި ވަގުތުގެ ޓައިމް ސްޓޭމްޕް ފެންނަން އެބައޮތެވެ.

ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް އަޒްމިރާލްދާގެ ފިރިކަލުން ބަންދު ކުރަން ގެންދިޔަ ހަބަރު ލިބިވަޑައިގެންފިއެވެ. އެ ދުވަހުގެ މެންދުރު 11:45 ކަން ހާއިރު އޭނާގެ ތިމާގެ މީހެއް ކަމުގައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުއަށް ގުޅުއްވިއެވެ. އަދި އެއްސެވީ ހޮސްޕިޓަލުގެ ޑޮކްޓަރަކު އެ ދުވަހު ހެނދުނު ކްރިމިނަލް ކޯޓަށް ގެންދިޔަތޯއެވެ. ސަފްއަތު ވިދާޅުވީ އެވަގުތު ފުރާވަޑައިގަންނަވަން ހުންނެވީ އެއާޕޯޓުގައި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ މުއްދަތު ޑިއުޓީގައި ހުންނެވި ގާޒީއަށް ގުޅުއްވައި ބައްލަވާނެކަމަށެވެ.

ސަފްއަތު ދެން ގުޅުއްވީ ގާޒީ ޒިހުނީއަށެވެ. ޒިހުނީ ވިދާޅުވީ އެ މައްސަލައިގައި އައި އެންމެން އެ ދުވަހު ހެނދުނު ދޫކޮށްލާފައިވާކަމަށެވެ. މާކުރިން ދޫކޮށްލި ހަބަރު ދެއްވަން ސަފްއަތު އަނެއްކާ ވެސް ގުޅުއްވީ މަހާޒުއަށެވެ. ޑޮކްޓަރު ދޫކޮށްލާފައިވާ ކަމުގެ ހަބަރު ދެއްވުމުން، އެ ޑޮކްޓަރަކީ އަޒްމިރާލްދާގެ ފިރިކަލުންކަމަށް ފަނޑިޔާރު މަހާޒު ގާޒީ ސަފްއަތު އަރިހު ދެވަނަ ފޯން ކޯލްގައި ވިދާޅުވިއެވެ. މިކަމެއް ސަފްއަތަށް ކުރިން އެނގިވަޑައި ނުގަންނަވައެވެ. އަދި މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ ޒިހުނީއަކަށް ވެސް މިއީ އަޒްމިރާލްދާގެ ފިރިކަލުންކަން އެނގިވަޑައިގަތީ ބަންދާމެދު ގޮތް ނިންމިތާ ގަޑިއިރެއް ފަހުން ސަފްޢަތު އެ ވާހަކަ ފަހުން ވިދާޅުވުމުންނެވެ.

މަހާޒުގެ ވާހަކައާއި، ސަފްއަތުގެ ވާހަކައާއި އަދި ޒިހުނީގެ ވާހަކަ ދިމާވެއެވެ. އެއްވެސް ފުށުއެރުމެއް ނެތެވެ. އެކަމަކު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދެއްވި ބަޔާނުގައި ސަފްއަތު އޭނާގެ ހިޔާލުފާޅު ކުރައްވާފައިވެއެވެ. އޭނާ އެ ދުވަހު އެއާޕޯޓުގައި ހުންނެވި ނަމަވެސް އަމިއްލަ ހިޔާލު ނެރުއްވައި ވިދާޅުވީ އަޒްމިރާލްދާގެ ފިރިކަލުން ހުންނެވީ ބަރަހަނާކޮށް ކަމަށެވެ. މުއްދަތު މަޖިލިހުގެ ރިކޯޑިން އަޑުއަހައި ފުލުހަށް ދިން ބަޔާންތަކާއި ބޮޑީކެމް ހޯދާފައިވާނަމަ މިއީ ކަނޑައެޅިގެން ދޮގެއްކަން އެނގޭނެއެވެ. މުއްދަތު ގާޒީ، އޭނާ ދޫކޮށްލީވެސް ކުށެއް ކުރަނިކޮށް ފެނިފައިނުވާތީއާ ކުށެއް ކުރިކަމުގެ ހެއްކެއްވެސް ނެތުމުންނެވެ.

ދެން ސަފްއަތު ދެއްކެވީ ބަރަހަނާކޮށް ހިފިގެން ފުލުހުން ގެންދާ މީހުން ދުވަހަކުވެސް ކްރިމިނަލް ކޯޓުން މުއްދަތު ނުޖަހައި ދޫކޮށްނުލާ ވާހަކައެވެ. ސަފްއަތުގެ ބަޔާނުގައި އަޒްމިރާލްދާ އާއި އޭނާގެ ފިރިކަލުންގެ މުސާރައިގެ އަދަދަށް ދާންދެން ވާހަކަ ދައްކަވާފައިވެއެވެ. މި ވާހަކަތައް ދެއްކެވީ އެއްވެސް މީހަކު އެކަމާ ގުޅިގެން އޭނާއާ ސުވާލު ކުރުމެއް ނެތި އޭނާގެ ރައުޔެއް ގޮތަށެވެ. ނުސީދާކޮށް ވިދާޅުވާން އުޅުއްވީ ބޮޑު މުސާރަ ލިބޭ މީހުން ކޯޓަށް ނުފޫޒު ފޯރުވާކަމަށެވެ. އަނެއްކާވެސް، މިއީ އެދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވި އިއްޒަތްތެރި ގާޒީގެ ރައުޔެވެ. އޭނާގެ ހިޔާލެވެ.

ނަސީބުދެރަ ފަނޑިޔާރުން، އަޒްމިރާލްދާ އާއި މަހާޒުއަށް، މި ޖެހުނީ ކަމުގެ ތަންދޮރު ނުފިލާ ބޭފުޅާ ދެއްކެވި ހިޔާލީ ވާހަކަ ދިފާއު ކުރައްވާށެވެ. ގާނޫނު ލާޒިމު ކުރަނީ ފަނޑިޔާރުންގެ މައްސަލަތަކުގައި ބުއްދީގެ ހަމަ ބޭނުންކުރުމަށެވެ.

މަހާޒު ސަފްއަތަށް ގުޅުއްވި ގުޅުއްވުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށް ސާބިތުވިއެވެ. ނަމަވެސް ގުޅުއްވީ އަޒްމިރާލްދާގެ ފިރިކަލުން ދޫކޮށްލިތާ އެއް ގަޑިއިރަށްވުރެ ގިނަ އިރުވީ ފަހުންކަން މުހިންމެއް ނުވިއެވެ. މިނިވަންވެ ނިމިފައި ހުރި މީހަކު އިތުރަށް މިނިވަންކުރާނީ ކިހިނެތްކަމެއް ސަބަބުވެރި މީހެއްގެ ބުއްދީގެ ހަމަތަކުން ނުވިސްނިދާނެއެވެ. އޭގެ ޖަވާބު ދެއްވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބެވި އާދަޔާ ހިލާފު ތޫނުފިލި ވިސްނުމުގެ ބޭފުޅުންނަށެވެ.

ޑިސެންބަރު 5، 2024 އަކީ ފަނޑިޔާރު އަޒްމިރާލްދާ ސަލާމުގައި ހުންނެވި ދުވަހެކެވެ. ސުވާލަކީ ނުފޫޒު ފޯރުވުމަށްޓަކައި އަޒްމިރާލްދާ ކުރެއްވި ކަމަކީ ކޮބައިތޯއެވެ. އަޒްމިރާލްދާގެ ފިރިކަލުން ބަންދުގައި ހުންނެވި ވަގުތު އެއްވެސް ފަނޑިޔާރަކަށް ގުޅުއްވައި މެސެޖު ކުރެއްވި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

މި ސުވާލަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޖަވާބު ނުހަނު ހުޝިޔާރެވެ. އެ ދުވަހު މެންދުރު 14:45 ގައި އޮންލައިން މީޑިއާއަކުން ފަނޑިޔާރު އަޒްމިރާލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރިއެވެ. އެކަމާ ގުޅިގެން އެ ދުވަހުގެ 18:28 ގައި މަހާޒު އަޒްމިރާލްދާއަށް ހިތްވަރުގެ މެސެޖެއް ފޮނުއްވިއެވެ. އަދި އެ ދައްކާ އެއްވެސް ވާހަކައެއް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ހުޝިޔާރު ތަހުގީގު ކޮމެޓީން ބުނީ އެ ފަނޑިޔާރުން އެ ދުވަހު ވާހަކަ ދެއްކެވިކަން ސާބިތުވާ ކަމަށެވެ. އެހެން ނޫނަސް ވެސް ފަނޑިޔާރު އަޒްމިރާލްދާ އެހެން ފޯނަކުންވެސް މަހާޒު މެދުވެރިކޮށް ނުފޫޒު ފޯރުވަން ހަމަ ގުޅުއްވަފާނެކަމަށެވެ. ކްރިމިނަލް ކޯޓުގެ ރަސްމީ ލިޔުމެއްގައި އެ ދުވަހު ހެނދުނު 10:55 ގައި ފިރިމީހާ ދޫކޮށްލިކަމަށް އޮތް އޮތުން ބުއްދީގެ ހަމަތަކަށް މުހިންމެއް ނުވިއެވެ.

މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބެވި އާދަޔާ ހިލާފަށް ތޫނުފިލި މެންބަރުންގެ ވިސްނުންފުޅުން ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވީ މައްސަލައެކެވެ.

މި ދެންނެވި "ބުއްދީގެ ހަމަތަކަށް" ދެން ބޮޅު އިތުރު ކުރައްވަން އޮތީ މަޖިލިހުގެ އިއްޒަތްތެރި މެންބަރުންނަށެވެ.

ވެރިޔާއަށް ކިޔަމަންވުމުގެ ނަމުގައި، ތިމާގެ އަމިއްލަ ފައިދާ އާއި މަންފާއަށްޓަކައި އަދުލުވެރިކަމުގެ އެންމެ އަސާސީ އުސޫލުތައް އެއްކިބާ ކުރައްވާނަންތޯ އެވެ؟ މިއީ އިސްލާމްދީން ތަސައްވުރުކުރާ އަދުލުވެރިކަންތޯއެވެ؟ މަޖިލިސް ކަސްތަޅު އެޅުމުގެ އިތުރުން ޖުޑީޝަރީ ކަސްތަޅު އެޅުމުގައި ތިޔަ ދެއްވާ އެހީތެރިކަމަކީ ދެވަނަ ފަހަރަށް އަމިއްލަ ކަރުގައި މަޅި އަޅުއްވައި ބާރު ކުރެއްވުން ނޫންބާ؟ ތާރީހުގައި ލިޔެވިގެން ދާނެއެވެ.

އިހުތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

ބުއްދީގެ ހަމަތަކާ މެދު ވިސްނާ ފިކުރުކުރާ ރައްޔިތެއް