Advertisement

އެމްބާޕޭގެ ދެ ގޯލާ އެކު މޮޅުވެ ރެއާލުން ފަރަގުކުޑަކޮށްފި

4 މޭ 2025 - 19:28 0


އެމްބާޕޭގެ ދެ ގޯލާ އެކު މޮޅުވެ ރެއާލުން ފަރަގުކުޑަކޮށްފި

4 މޭ 2025 - 19:28 0

މެޑްރިޑް (މެއި 4) - ސްޕެނިޝް ލީގުގައި މިރޭ ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، 3-2 އިން ސެލްޓަ ވިގޯ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.

މި މެޗަށް ރެއާލުން ނުކުތްއިރު، ބާސެލޯނާ އިން ވަނީ ރޭ ހޯދި މޮޅާ އެކު، ހަތް ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނަގައިފަ އެވެ. އެކަމަކު، ރެއާލުން މި މެޗު ކާމިޔާބުކުރުމާ އެކު، ބާސެލޯނާގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

މި ހަފްތާގެ ނަތީޖާތަކަށް ފަހު، ބާސެލޯނާ އެއް ވަނައިގައި އޮތީ 34 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 34 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން މި މެޗުގައި ލީޑުނެގީ 33 ވަނަ މިނިޓްގައި ތުރުކީގެ މިޑްފީލްޑަރު، އާޑާ ގުލާ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ޖާގައެއް ހޯދައިލުމަށް ފަހު، ގުލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑުފުޅާކޮށްދިނީ އެމްބާޕޭ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި އެމްބާޕޭ މި ގޯލު ޖެހީ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށުނުތާ ތިން މިނިޓް ތެރޭ ރެއާލުން ވަނީ މެޗުގައި އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު ޖެހީ، ގުލާ ދިން ބޯޅައަކުން އެމްބާޕޭ އެވެ.

ރެއާލަށް ތިން ގޯލުގެ ލީޑެއް ލިބުނު ނަމަވެސް ހަމަޖެހިލައިގެން މެޗު ނިންމައިނުލެވުނެވެ. އެއީ، ސެލްޓަ އިން ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖެހުމުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ސެލްޓަގެ ފުރަތަަމަ ގޯލު ޖެހީ 69 ވަނަ މިނިޓްގައި، ޖަވީ ރޮޑްރިގޭޒް އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ސެލްޓަ އިން ދެ ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އަކުންނެވެ. އެ ގޮތުން، އިއާގޯ އަސްޕާސް ދިން ބޯޅައަކުން މި ލަނޑު ޖެހީ ވިލިއަޓް ސްވެޑްބާގް އެވެ.

ހެޓްރިކެއް ފުރިހަަމަ ކުރަން އެމްބާޕޭ އަށް މެޗުގެ ފަހުކޮޅުގައި ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.