Advertisement

ގޮނޑި ގެއްލޭ މައްސަލަ ބަލަނިކޮށް ޖޭއެސްސީގައި އިންނަވާ ރައީސްގެ މެންބަރު ބަދަލުވީ އިއްތިފާގަކުން ކަމަށް ރައީސް ވިދާޅުވެއްޖެ

3 މޭ 2025 - 16:24 0

ރައީސް މުއިއްޒު މިއަދު ޔަޒްމީދު އެ މަގާމަށް އައްޔަނުކުރުމަށް ފަހު އޭނާއާ ފަތްކޮޅު ހަވާލުކުރަނީ. ފަހުން ފެންނަ ސަމީރު އެ ކޮމިޝަނުގެ މެންބަރުކަން 14 މަސްދުވަސް ވަންދެން ކުރެއްވި ---


ގޮނޑި ގެއްލޭ މައްސަލަ ބަލަނިކޮށް ޖޭއެސްސީގައި އިންނަވާ ރައީސްގެ މެންބަރު ބަދަލުވީ އިއްތިފާގަކުން ކަމަށް ރައީސް ވިދާޅުވެއްޖެ

3 މޭ 2025 - 16:24 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރު ބަދަލުވީ އިއްތިފާގަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖޭއެސްސީއަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ މެންބަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ގާނޫނީ ވަކީލު މުހައްމަދު ސަމީރު އައްޔަނުކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.

އޭނާ އެ މަގާމުން ވަކިކޮށް ޔަޒްމީދު މުހައްމަދު އައްޔަނުކުރީ ފެބްރުއަރީ 23، 2025 ގަ އެވެ. އޭރު ގޮނޑި ގެއްލުވާލުމުގެ ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

"އެއީ ހަމަ އިއްތިފާގެއް އިނގޭތޯ. އަޅުގަނޑަށް ދެން ކުރިއަކުން ނޭނގޭ މިކަހަލަ ކަމެއް އަންނަން އުޅޭ ކަމެއް. އެހެން ކިހިނެއްތޯ އިނގޭނީ. އެއްގޮތަކަށް ވެސް އަޅުގަނޑު އެހެން ވިސްނާފައި ކުރި ކަމެއް ނޫން. ހަމަ އެ ބޭފުޅާ ބަދަލުކުރަން އެ ވަގުތަށް ނިންމާފައި އޮތް ނިންމުމެއް ތަންފީޒު ކުރީ،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ސަމީރު ބަދަލުގައި ޖޭއެސްސީއަށް އައްޔަނުކުރި ޔަޒްމީދަކީ އެކައުންޓަންޓެކެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އެކަމަށް ހުރަސް އެޅުމަށްޓަކައި އޭސީސީ މެދުވެރިކޮށް، ޖިނާއީ މައްސަލައެއް ބަލާކަމަށް ހަދައި ޖޭއެސްސީއަށް ސިޓީ ފޮނުވުމުން ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނަށް ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އުޝާމް ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދެއްވުމުން، ޖޭއެސްސީން އެ މައްސަލަ ނުބަލަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހުއްޓުވައިލުމަށް އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް ސަސްޕެންޑު ކުރަން އުފެއްދި "ސަރުކާރު ކޮމިޓީ"ގެ ޗެއާމަނަކަށް ހުންނެވީ ޔަޒްމީދެވެ.