Advertisement

ފެކްޓު ޗެކް: މުޒާހަރާކޮށްގެން މި ސަރުކާރުން ޝަޒްރާ އާއި ޝާދިޔާއަށް ދައުވާކުރި

ޑރ. ޝަޒްރާ (ވ) އަދި ޝާދިޔާ: ރައީސް މިއަދު ވިދާޅުވީ މުޒާހަރާކޮށްގެން އެއްވެސް މީހަކަށް ދައުވާ ނުކުރާ ކަމަށް -- އާޓްވޯކް: އިސްމާއިލް އިމްދާދު


ފެކްޓު ޗެކް: މުޒާހަރާކޮށްގެން މި ސަރުކާރުން ޝަޒްރާ އާއި ޝާދިޔާއަށް ދައުވާކުރި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމާ ދެކޮޅަށް މުޒާހަރާކޮށްގެން ހައްޔަރުކޮށް ޑރ. ޝަޒްރާ އިބްރާހިމް އާއި އައިޝަތު ޝާދިޔާއަށް ދެ ދައުވާއެއް އުފުލާފައި ވަނިކޮށް، މުޒާހަރާކޮށްގެން އެއްވެސް މީހަކަށް ދައުވާ ނުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން 73 މުޒާހަރާކުރިއިރު، އެއްވެސް މީހަކަށް ދައުވާކޮށް ޖަލަށް ލާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަން އައި ފަހުން 73 މުޒާހަރާކުރި އެނގޭތޯ. 73 މުޒާހަރާކުރިއިރުގައި 12 މީހުން އެއްވެސް ކަމެއްގައި ވެސް ނަގާފައިވަނީ. އެކަމަކު އެ ދެން މައުލޫމާތު ނަގާފައި ނޫނިއްޔާ އެ ދޫވެސްކޮށްލާ. އެކަކު ވެސް ނެތް ގައިމުވެސް ދައުވާއެއްކޮށް، ނޫނިއްޔާ ބަންދުކޮށް ޖަލަށް ލާފައެއް،" ރައީސް ވިދާޅުވި އެވެ.

ޑރ. ޝަޒްރާ އާއި ޝާދިޔާއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން އުފުލާފައި ވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ މީހުންގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށެވެ.

އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޯގަސްޓު 28، ގަ އެވެ. ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި އެވެ. އެ މީހުން ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.

ކްރިމިނަލް ކޯޓުން ޝަޒްރާ އާއި ޝާދިޔާ ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުން އެ ދެ މީހުން ބަންދު ކުރަން ދެ ފަހަރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައެޅި އެވެ. އެ މައްސަލަ ވެސް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ.