އާންމުންނަށް ކޮންމެހެން ބޭނުންވާ ބޭސް ލިބުން ދަތިކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުތިރާފުވެވަޑައިގެންފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާންމުންނަށް ބޭސް ލިބުން ދަތިވީ ގެންނަންޖެހޭ ވަގުތު އެސްޓީއޯއަށް ބޭސް ނުގެނެވިގެން ކަމަށެވެ. އެސްޓީއޯއިން ބައެއް ބޭސްތައް ގެންނަން ޖެހުނީ އަމިއްލަ ވިޔަފާރިތަކުން ބޭސް ގެނައުން ހުއްޓާލުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުޑަކޮށްލީމާ މީގެ ރިޕަކަޝަނެއްގެ ގޮތުގަ ބައެއް ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މައާފުކުރާނެ ކަމަށް. ހަގީގަތް ދަންނަވާލަން ހަމަ ގަސްތުގަ ގެނައުން ހުއްޓަވާލީ ބައެއް ބޭސް. މި ހަމަ ޗޯކު ކޮށްލަންވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ އެސްޓީއޯއަށް އިން ޓައިމްއަށް ނުގެނެވުނީ ބޭސް އެހާވަރަށް. ދެން ހަމަ ވަރަށް ސާފުކޮށް މިކަން ވީގޮތް މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.
ބޭސް ގެނައުމުގެ ވާހަކަ އިތުރަށް ދައްކަވަމުން ރައީސް ވަނީ އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަމިއްލަ ވިޔަފާރިތަކުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފައިދާ ނަގައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އާސަންދަ ރިފޯމުގެ ތެރެއިން އަޅުގަނޑުމެން އެޅި ފިޔަވަޅަކީ 1000، 2000 ޕަސެންޓު ޕްރޮފިޓު ހުރީ ބައެއް ބޭސްތަކަށް. އާސަންދައިގެ ތެރެއިން މި ލާރި ޕްރައިވެޓް ކުންފުނިތަކަށް ލިބެނީ. ކިހާ ބޮޑު އިސްރާފެއްތޯ. އެހާބޮޑު ޕަސެންޓޭޖެއް. ސެވެރަލް ހަންރެޑުން ގޮސް ވަން، ޓޫ ތައުސަންޑް ޕަސެންޓު ޕްރޮފިޓު. އާސަންދަ ތެރެއިން ނަގާ ފައިސާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޭސް ވިއްކުމުގެ ވިޔަފާރި ކުރި ބައެއް ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި ކަމަށް ވިދާޅުވެ އެކަމަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ.
"މިގޮތަށް ފައިސާ ނަގައިގެން ބޭހުގެ ވިޔަފާރިކުރަން ފެށި ބަޔަކު އިސާހިތަކު އެބަތިބި މިހާރުވެސް ބޮޑެތި މަހުޖަނުންނަށް ވެފަ. ހަމައެކަނި ބޭހުގެ ވިޔަފާރި ކޮށްގެން. އެހެންވީމަ އެކަން ރަނގަޅުކުރަން އަޅުގަނޑުމެން އަގުތައް ކެޕް ކޮށްލީ. ކުޑަކޮށްލީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮންމެހެން ބޭނުންވާ ބޭސް ލިބުމުގެ ދަތިކަން ވަރަށް ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. އެގޮތުން ހަކުރު ބައްޔާއި ފިޓު ޖެހުމާއި ކެންސަރަށް ބޭނުން ކުރާ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
Comment