Advertisement

ފުލުހުން އިންޒާރު ދިނުމުން ޒުވާނުންގެ މުޒާހަރާ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި

2 މޭ 2025 - 20:18 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޒުވާނުންގެ މުޒާހަރާގެ ތެރެއިން.


ފުލުހުން އިންޒާރު ދިނުމުން ޒުވާނުންގެ މުޒާހަރާ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި

2 މޭ 2025 - 20:18 1

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާ، ފުލުހުން ދިން އިންޒާރާ އެކު ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.

ކުރިން އެންގުމަކައި ނުލައި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގެކެވެ. އެކަމަކު އެ ހައްގު ހަނި ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނެއް ހެދި އެވެ. އެ ގާނޫނުގެ ދަށުން މާލޭގައި އެއްވެވޭނީ ސަރުކާރުން ހުއްދަ ދޭ ތަނަކަށް އެކަންޏެވެ.

މިރޭގެ އެއްވުން 20:30 ގައި ކާނިވާ ސަރަހައްދުގައި ފަށާނެކަން ޒުވާނުންގެ މުޒާހަރާ އިންތިޒާމު ކުރާ މީހުން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ ކުރިން އެއްވުންތައް ބާއްވަމުން އައީ މަޖީދީ މަގުގަ އެވެ.

"ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށ،ް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަ ވެސް ދަންނަވަން،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑަށް އެއްވެވޭނެ ކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިއުލާނެއް ވަނީ މިރޭ ގެޒެޓުކޮށްފަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ. ފުލުހުން އެހެން ބުނިއިރު، ގާނޫނުއަސާސީގައި ހުއްދަ ކޮށްފައި އޮތް މިންވަރަށް މުޒާހަރާ ކުރުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.