2 މޭ 2025 - 14:26 2
އައިޖީއެމްއެޗް: ޑިސްއިންފެކްޓަންޓު ވައިޕްސް ހުސްވުމުން ތަންތަން ސާފު ކުރަން ބޭނުން ބޭނުން ކުރީ ފެނަށް ބްލީޗު ގިރައިގެން -- ފޮޓޯ: އަދަދު ފައިލް
2 މޭ 2025 - 14:26 2
ހޮސްޕިޓަލުގައި އާންމުކޮށް ބޭނުން ކުރާ ޑިސްއިންފެކްޓަންޓު ހުސްވެފައި ހުއްޓައި އައިޖީއެމްއެޗްގެ ނިއޯނޭޓަލް އައިސީޔޫގައި ފެތުރުނު ބައްޔަކީ، ސާފުތާހިރުކަމުގެ ހަރުދަނާ މިންގަނޑުތަކަށް ތަބާވި ނަމަ ފެތުރުން ދުރު ބައްޔެއް ކަމަށްވާ ބާކޯލްޑޭރިއާ ސްޕޭޝިއާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފި އެވެ.
ސިއްހީ ފަރުވާ ދޭޭ ތަންތަނުގައި ބާކޯލްޑޭރިއާ ސްޕޭޝިއާ ފެތުރެނީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށް އަދި ފަރުވާ ދޭ މީހުންގެ އަތުން ބަލި މީހާ ގަޔަށް އަރައިގެންނެވެ. ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލައްވަމުން ދިޔަ ތުއްތު ފަސް ކުއްޖަކަށް އެ ބަލި ޖެހުނެވެ.
އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފެތުރެމުންދިޔަ، ބޭހަށް ނުގުޑާ އެ ބަލި ކޮންޓްރޯލް ކުރެވުނީ 20 ދުވަސް ފަހުންނެވެ. ބަލި ޖެހުނު ފަސް ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ހާލަތު ވަރަށް ދަށް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އެންއައިސީޔޫގައި އެ ބަލި ފެތުރުނުއިރު، އައިޖީއެމްއެޗްއިން ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފަ އެވެ. އެންއައިސީޔޫގައި އާންމުކޮށް ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްސް އެވެ. ވައިޕްސް އިން ވަރަށް ފަސޭހަކޮށް ތަންތަން ސާފުކޮށްލެވޭނެ އެވެ.
ޑިސްއިންފެކްޓަންޓު ނުލިބުނުން އެންއައިސީޔޫ ސާފު ކުރަން ހޮސްޕިޓަލުން ބޭނުން ކުރަމުންދިޔައީ ބްލީޗެވެ. ބްލީޗު ބޭނުން ކުރަމުންދިޔައީ ފެނަށް ގިރައިގެންނެވެ. ޑިސްއިންފެކްޓަންޓު ހުސްވި ސަބަބު ނޭނގޭ ކަމަށް މިއަދު މި ނޫހާ ވާހަކަ ދެއްކި އެ ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރަކު ބުންޏެވެ.
އެންމެ ހާލު ދެރަ ތުއްތު ކުދިންނަށް ފަރުވާ ދޭ އެންއައިސީޔޫގައި ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެއް ފެތުރުނުއިރު، ހޮސްޕިޓަލުން ޑިސްއިންފެކްޓަންޓު ހުސްވެފައިވާކަން އަދަދު އާ ވާހަކަ ދެއްކި އެ ހޮސްޕިޓަލުގެ ޑރ. ނަޒްލާ މުސްތަފާ މިއަދު ވިދާޅުވި އެވެ.
"[ބަލި ފެތުރުނުއިރު] އަޅުގަނޑުމެން އަލްޓަނޭޓިވް އޮޕްޝަންއަކަށް ބޭނުން ކުރާ އެއްޗެއް، ޔޫސް ކުރި އެކޮޅުގައި. [އަލްޓަނޭޓިވް އޮޕްޝަންއަކީ ސާފު ކުރަން ބޭނުން ކުރާ އެއްޗެހި. [އެއީ] ވެސް ޑިސްއިންފެކްޓަންޓެއް ހަމަ. ބްލީޗް އަޅުގަނޑުމެންގެ އަލްޓަނޭޓިވްއަކީ މިހާރު. [ކުރިން ބޭނުން ކުރީ ޑިސްއިންފެކްޓަންޓް ވައިޕްސް]. ވައިޕްސް ހުންނަ އިރު ފަސޭހަވާނެ ދެއްތޯ ތަންތަން ސާފުކޮށްލަން،" ނަޒްލާ ވިދާޅުވި އެވެ.
އެންއައިސީޔޫގައި ބަލި ފެތުރެމުންދިޔަކަން ސިއްރު ކުރުމަށްފަހު އެކަން އައިޖީއެމްއެޗް އިން ހާމަ ކުރީ އިއްޔެ އެވެ. އެންމެ ފުރަތަމަ އެ ބަލި ފެނުނީ މާޗް 27، ގަ އެވެ. އަދި އޭޕްރީލް 15، އާ ހަމައަށް ކޮންޓްރޯލް ނުވެ އެ ބަލި ފެތުރުނެވެ. ބަލީގައި އެންމެ ބޮޑުވަރުވެފައިވާ ކުދިންނަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
Comment