1 މޭ 2025 - 18:57 0
އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީއަށް ވަންނަ ސަރަހައްދު. --- ފޮޓޯ: އަދަދު
1 މޭ 2025 - 18:57 0
އައިޖީއެމް ހޮސްޕިޓަލުގެ ނިއޮނަޓަލް އިންޓެންސިވް ކެއާ ޔުނިޓު (އެންއައިސީޔޫ) އިން ނުރައްކާތެރި ޖަރާސީމެއް ފެނުމުން، އެ ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެންއައިސީޔޫއަކީ އަލަށް އުފަންވާ ކުދިންނަށް ހާއްސަ ފަރުވާ ދިނުމަށް ބައިތިއްބާ ޔުނިޓެވެ. މިއަދު އައިޖީއެމްއެޗުގެ އެކްސް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި އެންއައިސީޔޫގައި ބައިތިއްބާފައި ތިބި ކުދިންތަކުގެ ތެރެއިން މަދު ކުދިންތަކެއްގެ ގައިން މަލްޓި-ޑްރަގު ރެޒިސްޓަންޓް އޯގަނިޒަމް (އެމްއާރުޑީއޯ) ވަނީ ފެނިފަ އެވެ.
"ޖަރާސީމު ދެނެގަނެވުމާއެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައި. އިތުރު ކުދިންތަކެއްގެ ގަޔަށް ޖަރާސީމު ޓްރާންސްމިޓު ނުވެ އެކަން ވަނީ ކޮންޓްރޯލް ކުރެވިފައި،" އައިޖީއެމްއެޗުން ބުނެފައިވެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަރާސިމު ފެނުނީ ފަސް ކުއްޖެއްގެ ގައިންނެވެ. އެންމެ ފުރަތަމަ ކޭސް ފެނުނީ މާޗު 27، ގައި ކަމަށްވާއިރު އެޕްރީލް 15، ގެ ފަހުން އެއްވެސް ކޭސްއެއް ނުފެންނަކަން ވެސް ވަނީ އެނގިފަ އެވެ.
ކްރިޓިކަލް ފަރުވާ ދޭ ސަރަހައްދުތަކުން މިފަދަ ޖަރާސީމު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެމްއާރުޑީއޯ އަކީ ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެކެވެ. މިފަދަ ބެކްޓީރިއާ މަރާލުމަށް ދޭން ޖެހެނީ ވަރަށް ބާރުގަދަ އެންޓި ބައޮޓިކެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެ އެވެ. މިކަމުގެ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
Comment