2 މޭ 2025 - 07:03 4
މަހްފޫޒް ސައީދު
އާޓްވޯކް: އިސްމާއީލް އިމްދާދު
2 މޭ 2025 - 07:03 4
މާވެވަކީ މާލޭގެ މައްޗަށްގޯޅި ސަރަހައްދުގައި އިހަށް އޮތް ވެވެއް ކަމަށް ބުނެވެ އެވެ. މާ-ވެވޭ ކިޔަނީ އެއީ މާލޭގައި އޮތް އެންމެ ބޮޑު ވެވަށް ވީތީ އެވެ. ހަސަން ތާޖުއްދީނުގެ ތާރީހު ދީބާ މަހަލް އަދި ނަސީމާ ކަލޭފާނު ލިޔުއްވި ދިވެހިރާއްޖޭގެ ރަދުންނާއި ރަނިން ފޮތުގައިވާ ގޮތުން، މާވެޔޮ މިސްކިތާއި މާވެޔޮ ބިނާ ކުރެއްވީ އައްސުލްތާނު ވަޑީ ކަލަމިންޖާގެ ރަސްކަމުގަ އެވެ. މާލޭގެ ރައްޔިތުން އޭރު ފެންވެރުމަށް ބޭނުންކުރީ މާލޭގެ އެކި ސަރައްހައްދުތަކުގައި މިގޮތަށް ބެހެއްޓިފައިވާ 'ޕަބްލިކް ސްވިމިންގޕޫލު' ތަކެވެ. އެހެންވެ، މި ވެވުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ކޮންމެ އަވަށެއްގެވެސް އަވަށު ވެރިންނާ ހަވާލުކުރެވިފައި އޮންނަ މަސްއޫލިއްޔަތެކެވެ.
ދުވަސްވަރަކީ މާލެތެރޭގައި ގެރި ގެންގުޅުނު ދުވަސްވަރެވެ. މިހާރު ރާއްޖޭގެ އެއްވެސް ރަށެއްގައި ގެރި ގެންގުޅޭ ކަމެއް ނޭނގެ އެވެ. ގެންގުޅޭހެން ހިއެއް ނުވެ އެވެ. އެހެންނަމަވެސް އެ ޒަމާނުގައި ގެރި ގެންގުޅުން އާންމެވެ. އެ ބޮޑު ޖަނަވާރު ގެންގުޅުމުގައި ދަނީ ރަނގަޅަށް ބެލެހެއްޓޭ ފަހަރާއި، އަތުން ދޫވާ ފަހަރެވެ. އެ މަހުލޫގުންތައް ރާއްޖޭގެ ފަސްގަނޑާ އަލްވަދާއުކީ، ދިވެހި ބަހުގެ މުހާވަރާތަކުގެ ތެރެއަށް ވެސް އެސޮރުމެންގެ ނުފޫޒު ފޯރުވާފަ އެވެ. ބޮޑު ދެގެރި ތޮޅެންޏާ ކަށްގަލަށް ބާރުކުރާނޭ ވާހަކައާއި، ގެރިފަތީގެ މިސާލާއި، މާވެވަށް ވެއްޓުނު ގެރީގެ މިސާލެވެ. މި ލިޔުމުގައި ދައްކާން މިއުޅެނީ މާވެވަށް ވެއްޓުނު ގެރި ނަގަން 'ކޮމިޝަނުން' ކުރި މަސައްކަތުގެ ވާހަކަ އެވެ.
'ކޮމިޝަން' ގެ ވާހަކަ ބުނެވުނީމާ އެހެން ވާހަކައެއް ހަނދާން ވެއްޖެ އެވެ. ކާކުކަން ހަނދާން ނެތް ކޮންމެވެސް މީހަކު މާކުރިން އަހަރެންނަށް ކިޔައިދިން ވާހަކައެކެވެ. ތެދެއް ކަމެއް ދޮގެއް ކަމެއްވެސް ނޭނގެ އެވެ. ބޮޑަށް ގާތީ ތެދަކަށްވުމާ އެވެ. އޭނާ ކިޔައިދިނީ ރާއްޖޭގައި ކޮމިޝަންތަކާއި ކޮމިޓީތައް ހެދުމުގެ ސަގާފަތު އޮތްގޮތުގެ ވާހަކަ އެވެ.
އޭނާ ބުންޏެވެ. މަރުހޫމް އަބްދުﷲ ހަމީދުގެ މިނިސްޓަރު ކަމުގައި، އޭރުގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރަކު މާ ގިނައިން ކޮމިޓީ ހައްދަވަނީ އެވެ. މިނިސްޓްރީން ގޮތް ނިންމަން ހުށަހެޅޭ ކޮންމެ ކަމަކަށް ވަކިން ކޮމިޓީ އެކެވެ. އެ ކޮމިޓީގެ ބައްދަލުވުން ބޭއްވި، ކޮމިޓީން ކުރާނޭ ތަހުގީގެއްކޮށް، ރިޕޯޓު އެކުލަވާލާނެ އެވެ. ދެން ކޮމިޓީގެ ރިޕޯޓު ރީތިކޮށް ލިޔަން އަތުލިޔުން ރީތި ކާތިބަކާ ހަވާލުކުރާނެ އެވެ. އޭނާ ދެހަފްތާއެއްގެ މަސައްކަތުން އެ ރިޕޯޓު ލިޔެ މިނިސްޓަރުގެ ކޮޓަރިކޮޅަށް ފޮނުވީމާ މިނިސްޓަރު ބައްލަވާއިރު ކޮމިޓީގެ ނިންމުން އަދި ރަނގަޅެއް ނޫނެވެ. އެހެންވެ ކޮމިޓީން އަލުން އެކަމާމެދު ވިސްނެވުމަށް މިނިސްޓަރު އަންގަވަ އެވެ. މިގޮތަށް ކޮންމެ ނިންމުމަކަށް މާ ގިނަ ވަގުތު ހޭދަވެގެން ދަނީ އެވެ.
މިކަމެއް ބޮޑުވެގެން މި ޑިރެކްޓަރަށް މިނިސްޓަރުގެ ކޮޓަރިކޮޅުން މެމޯއެއް ފޮނުއްވި އެވެ. މެމޯގައި އޮތީ 'ކޮންމެ މައްސަލައަކަށް ވަކިން ކޮމިޓީއެއް ހެއްދެވުމުގެ ބަދަލުގައި މައްސަލަތައް އަވަހަށް ނިންމުމަށް އެނޫން ގޮތެއް ހޯއްދެވުމަށް' މިހެންނޯލަ އެވެ. މި ޑިރެކްޓަރު އަވަހަށް އެ މެމޯއަށް ޖަވާބު ތައްޔާރުކޮށް ފޮނުވި އެވެ. ޖަވާބުގައި އޮތީ 'ތިޔަ ގޮތެއް ބަލާން އަޅުގަނޑު ކޮމިޓީއެއް އެކުލަވައިލައިފިން' އެވެ. މިއީ ކޮމިޓީ ހެދުމުގައި އަހަރުމެންގެ އޮތް ސަގާފަތެވެ. ކޮމިޓީ ނުހަދައި މަސައްކަތް ކުރެވޭނޭ ގޮތެއް ބަލަންވެސް ހެދީ ކޮމިޓީ އެކެވެ.
ދައްކަމުން ގެންދިޔަ ވާހަކައަށް އެނބުރިލަމާ ހިނގާށެވެ. މާވެވަށް ވެއްޓުނު ގެރީގެ ވާހަކަ އެވެ.
މާލޭގެ ގިނަ ރައްޔިތުންތަކެއް ގައިންތާހިރުވެ ފެންވަރަން ބޭނުންކުރަމުން ގެންދިޔަ މާވެވަށް މާލެ ތެރޭގައި ލާޗާރަށް ތެޅެމުންދިޔަ ގެރިއެއް ވެއްޓިއްޖެ އެވެ. އެރޭގެ ދަންވަރު ހޭލާއުޅުނު ތެޔޮޅުވާކުދިންނަށް މި ގެރި ވެއްޓިފައި އޮތްތަން ފެނިގެން މި ވާހަކަ އަވަށު ވެރިންނަށް ދަންނަވައިފި އެވެ.... މާފު ކުރާތި އިނގޭ އެވެ. ކުރިއަށް ދިއުމުގެ ކުރިން އެހެން ވާހަކައެއްވެސް ބުނެލަން އެބައޮތެވެ. އެއީ، މާވެވަށް ވެއްޓުނު ގެރި ނެގިގޮތުގެ ވާހަކައަކީ ލައްކަ ގިނަ ގޮތްގޮތަށް ދެކެވޭ ވާހަކަ އެކެވެ. މި ލިޔުމުގައި މިއޮތް ގޮތް ނޫން ގޮތަކަށް އަޑުއިވިފައި އޮތަސް މި ލިޔުމުގައި މިއޮތީ ރޯމަރު ދޮގޭ ނުބުނާށެވެ. ހަމަ ޔަގީނުންވެސް ވާހަކައިގެ ތާސީރަކަށް ބަދަލެއް ނުގެންނަމެވެ. ކުރިއަށް ހިންގަވާށެވެ.
މި ހަބަރު ލިބުމުން އަވަށުވެރިން އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެވެ. ވިދާޅުވިޔޯލަ އެވެ. މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށްވެސް ހިތާމަވެރި ހާދިސާގެ އަސްލު ސަބަބަކީ ކުރީގެ އަވަށުވެރިޔާގެ ފަރުވާކުޑަކަމެވެ. ތިޔަ ގެރި ނަގައި، ތިޔަކަމުގައި އަވަށުގެ ރައްޔިތުންނަށް ހައްލު ހޯދައި ދިނުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާނަމެވެ. އެހެން ވިދާޅުވެފައި އަވަށުވެރިޔާ ވިސްނެވީ ދަންވަރުގެ އެ ވަގުތުގައި ހޭލާ އުޅޭނީ ކޮންބައެއްތޯ އެވެ. ސިކުނޑީގައި ހިނގީ އެންމެ ނަމެކެވެ. އެއީ ކުރިންވެސް އަވަށުގެ މިކަހަލަ ކަންކަމާ ބެހިއުޅުނު، މީހުން ދަންނަ މޫނަކަށްވެފައި، ހާއްސަ ގޮތެއްގައި ދަންވަރު ހިނގި ހާދިސާއަކަށްވާތީ ކޮމިޝަނުގެ ރައީސަކަށް އޭނާ އައްޔަނުކޮށްފި އެވެ.
އިރުތަކެއް ފަހުން ކޮމިޝަނަށް މަސައްކަތްކުރާނޭ ޖަގަހައެއްލިބި ބައްދަލުވުންތައް ބޭއްވެން ފެށިއްޖެ އެވެ. ކޮމިޝަނަށް ހުށަހެޅުނު ހިޔާލަކީ ސޭލައެއް ހަދައިގެން ގެރި ނެގުމެވެ. ހިޔާލު ރަނގަޅު ނަމަވެސް، އެ ދަންވަރުގައި ސޭލައެއް ހެދުމަކީ ދުލުން ބުނެލަސް ފަސޭހައަކަސް އަމަލަށް ގެންނަން ދަތި ކަމެކެވެ. އެ ހިޔާލު ދެއްވި މެންބަރަށް އެއްޗެއް ނުވިސްނޭކަމާއި، އޭނާގެ ގޮފަޅުކަމުގެ މައްޗަށް ކޮމިޝަނުގެ ރައީސް ހައިރާންވެ، ގިނައިރުތަކެއް ވަންދެން ތަގުރީރު ކުރެއްވި އެވެ. ދެން ވިދާޅުވާން ފެއްޓެވީ ރޫސީވިލާތުގައި އެކަންކަން އޮންނަ ގޮތާއި، ދުނިޔޭގެ އާޖުފާޖު ދަންނަ މީހުން ކަންކޮށް އުޅުނީތީ ދުށްގޮތުގެ ވާހަކައާއި ތަޖުރިބާތަކެވެ. މުނާޖާގޮވީ، ހިޔާލަކުން ފެށުނު ވާހަކަ ޒުވާބަކަށްވެ، ތަޅާފޮޅުމަކާ ހިސާބަށް ގޮސްނުގޮސް އޮއްވައެވެ. އިރުކޮޅެއް ފަހުން އިވުނީ ' ގެރި އަރައިގެން ގޮއްސިޔޯ' އޭ ތެޔޮޅުވާކުއްޖަކު ގޮވާލި އެވެ.
ކޮމިޝަނުގެ ޖަލްސާގައި ވަގުތުން ހިޔާލު ހުށަހެޅުނީ މި ކޮމިޝަނެއް ހެދި ވާހަކަވެސް ނުދެއްކުމަށެވެ. ކޮމިޝަން ހަދައިގެން ގެރި ނަގާނޭ ގޮތުގެ ވާހަކައިގައި ނުތިބެ، ރައްޔިތު އެންމެންނަށް ގޮވައި ވާ ޖަހައިގެން ނެގިނަމަވެސް ތިޔަ އެއްޗެއް އޮންނާނީ ނެގިފައި ނޫންހޭ މެންބަރަކު ބުނެލި އެވެ. މި ކޮމިޝަނުގައި ބައިވެރިވެވުނު މޮޔަ ހީވެ، އެކަކު އަނެކަކާ މޫނު ދިމާކުރަން ނުކެރި ލައްކަ އިރަކު ތިބެފައި ނުކުންނާން ކަމަށް ތެދުވެއްޖެ އެވެ. ދޮރުން ނުކުންނަމުން ކޮމިޝަނުގެ ރައީސް ބުނެ އެވެ. މިއަކު އަހަރުމެން މާ ލަދުގަންނާންޖެހޭ ކަމެއް ނެތެވެ. މީގެ ކުރިން އެކި ކަންކަމުގައި އެކި ނަން ނަމުގައި ހެދި ކޮމިޝަންތަކަށް ވަކި އެއްވެސް ކަމެއް ކުރެވުނު ހެއްޔެވެ. އެ މީހުން ނުގަތް ލަދެއް އަހަރުމެން ގަންނާން އެބައޮތް ހެއްޔެވެ؟ ބޮޑުވަރަކަށް ވާނީ ކިޔެއް ހެއްޔެވެ؟ މި ވާހަކައެއް ދައްކާނީތާ އެވެ. ދެއްކިއްޔާ ކީއް ހެއްޔެވެ؟ ވަށަފަރު މީހުން އުނބަށްޖެހީތީ އެވާހަކަވެސް އަދިއަދަށްދާންދެން ވެސް ދެމިއޮތީ ނޫންހެއްޔެވެ. މި ވާހަކަވެސް ހަމަ އެގޮތަށް ދެމިއޮވެދާނެތާ އެވެ.
މިކަހަލަ ވާހަކަ ތަކެއްގައި ތިބެ، ރައްޔިތުންނާ ހަތަރުކަޅި ހަމަނުކޮށް ކޮމިޝަނުގެ މެންބަރުން ޖަގަހަ ދޫކުރައްވައި ވަޑައިގެންނެވީ އެވެ. ދެން މި ބާވަތުގެ ކަމެއްގައި ކޮމިޝަނެއް ހަދަން ޖެހިއްޖެ ފަހަރަކުން އަންގާލާނަމޭ އަވަށުވެރިން ވިދާޅުވި އެވެ.
Comment