Advertisement

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް އަދިވެސް ފިޔަވަޅެއް ނޭޅޭ: އިހުސާން

8 އޮކްޓޯބަރު 2025 - 09:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް މިނިސްޓަރު އަލީ އިހުސާން: މަޖިލީހަށް ފޮނުވި ޖަވާބެއްގައި އޭނާ ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް އަދިވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ---- ފޮޓޯ: ރައީސް އޮފީސް


ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް އަދިވެސް ފިޔަވަޅެއް ނޭޅޭ: އިހުސާން

8 އޮކްޓޯބަރު 2025 - 09:49 1

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ތަހުގީގުގައި ފަރުވާކުޑަކުރި ފުލުހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި މައްސަލާގެ ތަހުގީގުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ ފަރުވާކުޑަކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނީ ހާދިސާގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގަ އެވެ. އެ ރިޕޯޓާއި އެއްގޮތަށް ކަންކަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ޖޫން 24، ގައި ދައުލަތުގެ ވުޒާރާތަކަށާއި މުއައްސަސާތަކަށް އެންގެވި އެވެ.

ނަމަވެސް، ފުލުހުންނަށް ފިޔަވަޅު ނޭޅޭކަން ހާމަވީ ރިޕޯޓާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިހުސާނާއި ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުންނެވެ.

ލިޔުމުން ފޮނުއްވި އެ ޖަވާބުގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން މި މައްސަލާގައި އިހުމާލުވެފައިވާ މިންވަރު ދެނެގަންނަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މީހުންނާއި ސުވާލުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވެފައި ވެ އެވެ.

"މި ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވީމެވެ. އަދި، މިކަމާ ގުޅިގެން ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާ ރިވިއުކޮށް އެސްއޯޕީއަށް މުވައްޒަފުން އަހުލުވެރި ކުރެވިފައިވާ ކަމުގައި ދެންނެވިން" އިހުސާން ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓަށް ތިން މަސް ފުރުނު ފަހުން ފޮނުވި ޖަވާބު ނިންމާލަމުން އިހުސާން ވިދާޅުވީ، އެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް (އައިއޯ) ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.

އޭގެ އިތުރުން އައިއޯއަށް އެ ތަނަށް ދެވުނު އިރު ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީންގައި ހުރި އޮފިސަރު ނަގާ ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ. އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ނުހޯދެ އެވެ.

އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި ޕެރަމެޑިކް ޓީމުތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ހާޒިރުވެވުނު ނަމަވެސް ފުލުހުންގެ ޓޭޕު ދަމައި ބައުންޑްރީއެއް ކަނޑައަޅާފައި ނެތުމުން، ކުށުގެ ވެށި ރައްކާތެރި ކުރެވިފައި ނުވާ ކަމަށް ރިޔާސީ ކޮމިޝަނަށް ވަނީ ހޯދިފަ އެވެ.