1 މޭ 2025 - 12:19 0
ލީވާން އަލީ ނާސިރު
ހުޅުމާލެއިން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން: މި ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން -- ފޮޓޯ: ފުލުހުން
1 މޭ 2025 - 12:19 0
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެ މީހަކު އިއްޔެ ހަައްޔަރުކޮށްފި އެވެ.
ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހިންގި އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ ހމ. ފްލެޓް ނަންބަރު 04- ޖީ-10، މާލެ، އަލީ އަބްދުﷲ، 48 އާއި ދ. ކުޑަހުވަދޫ، އުނިމާގެ، އަމާނަތު ޖަލީލް، 28 އެވެ.
މި ދެ މީހުން ހައްޔަރުކުރީ ސައިކަލެއްގައި ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކުރުމަށް ފަހު އެ މީހުން ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި އަށް ރަބަރު ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކު ކުރެވޭ 23 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ދެ މީހުން އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40،515ރ. އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާއިރު، އެ ފައިސާއަކީ މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Comment