Advertisement

ސްޓޫޑެންޓު ލޯނަށް އެދި 1300 އަށް ވުރެ ގިނަ ހުށަހެޅުން

އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން؛ ސްޓޫޑެންޓު ލޯނުގެ ގޮތުގައި ސަރުކާރުން މިއަހަރު ދޫކުރަން ހުޅުވައިލީ 500 ފުރުސަތު -- ފޮޓޯ: ރައީސް އޮފީސް


ސްޓޫޑެންޓު ލޯނަށް އެދި 1300 އަށް ވުރެ ގިނަ ހުށަހެޅުން

ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ކޮންމެ އަހަރަކު ވެސް ދޫކުރާ ސްޓޫޑެންޓް ލޯނު ސްކީމަށް އެދި 1300 އަށްވުރެ ގިނަ ދަރިވަރުން ހުށަހަޅައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވީ ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ފޯމުތައް މިހާރު އިވެލުއޭޓު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އޭގެ ތަފުސީލު ހާމަ ކުރައްވާނެ ކަމަށެވެ.

"ގާތްގަނޑަކަށް 1300 އެއްހައި ކުދިން ހުށަހަޅާފައި ވަނީ، އަޅުގަނޑުމެން މިހާރު އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ، ރަސްމީކޮށް ވަރަށް އަވަހަށް ތަފުސީލު އިއުލާނު ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލީ މާޗް 29، ގަ އެވެ. މި އަހަރު ދޫކުރާނެ ކަމަށް އިއުލާނު ކުރީ 500 ފުރުސަތެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވީ އިއްޔެ އެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ސަރުކާރު ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރަށް ޓޮޕް އަޕް ނަގަން ބޭނުންވާ ދަރިވަރުންނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެ މުއްދަތުގައި ހުޅުވައިލި އެވެ. ޓޮޕް އަޕް ދޫކުރާ އެންމެ މަތީ އަދަދަކީ 700،000ރ. އެވެ.

ސްޓޫޑެންޓު ލޯން ސްކީމުގެ ދަށުން މިދިޔަ އަހަރު ވެސް ސަރުކާރުން ފުރަތަމަ އިއުލާނުކުރީ 500 ލޯނު ދިނުމަށެވެ. ނަމަވެސް، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޭން ސަރުކާރުން ފަހުން ނިންމި އެވެ.

ސަރުކާރުން މިހާރު ދޫކޮށްފައިވާ ސްޓޫޑެންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވެ ލަސްވަމުންދާ މައްސަލައިގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް މިނިސްޓަރު ހައިދަރު ލިޔުމުން އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވީ ފައިސާ ޖަމާ ނުވެ ލަސްވާ މައިގަނޑު ސަބަބަކީ އެ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ. އަދި ދަރިވަރުން ފޮނުވާ ޝަކުވާގެ ސިޓީ އާއި މެއިލްތަކަށް ޖަވާބު ނުދެވެނީ ކަނޑައެޅި އަދަދަށްވުރެ އިތުރަށް ސަރުކާރުން ލޯނު ދޫކުރުމުން ކަމަށް ހައިދަރު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ވޭތުވި ދެ އަހަރު ވެސް ހުޅުވާލި ފުރުސަތުތަކަށް ވުރެ އިތުރަށް ސްޓޫޑެންޓު ލޯނު ދޫކޮށްފަ އެވެ. އެ ގޮތުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ސަރުކާރުން ވަނީ 1300 އެއްހާ ދަރިވަރުންނަށް ލޯނު ދޫކޮށްފަ އެވެ.