Advertisement

ފަވަރައިގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެ


ފަވަރައިގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގައުމީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރައިގެ ހުރިހާ ހިދުމަތެއް މިއަދު މެދުކެނޑިއްޖެ އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރައިގެ ހިދުމަތްތައް މެދުކެނޑެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ޓްރާންސްފާ ކުރެވޭ ގޮތް ފަހިކޮށްދިން ފަވަރައަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ފަށަން ނަގާނެ ވަގުތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ، ސްމާޓް އެޑްރެސިން އަދި އެކައުންޓް ވެރިފިކޭޝަން ހިމެނެ އެވެ.

މި ސިސްޓަމުގެ ތެރެއިން ހިދުމަތް ލިބޭ ބޭންކުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބޭންކް އޮފް ސިލޯން، މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި ދިރާގު ފިންޓެކް ހިމެނެ އެވެ.

ފަވަރަ އަކީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނައި އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެ އެވެ.