Advertisement

އޭއެފްސީ ޗެމްޕިއަންސް ލީގުން އަލް ނަސްރު ކަޓައިފި

1 މޭ 2025 - 08:56 0


އޭއެފްސީ ޗެމްޕިއަންސް ލީގުން އަލް ނަސްރު ކަޓައިފި

1 މޭ 2025 - 08:56 0

ޖިއްދާ، ސައުދީ އަރަބިއްޔާ (މެއި 1) - އޭޝިއާގެ ކްލަބް ފުުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ސެމީ ފައިނަލުގައި ރޭ ޖަޕާނުގެ ކަވަސާކީ އަތުން 3-2 އިން ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކަޓައިފި އެެވެ.

މިއާ އެކު، މި ސީޒަނުގައި ތަށްޓެއް ހޯދުމަށް އަލް ނަސްރުން ކުރި މަސައްކަތް ހާސިލްނުވީ އެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ކަވަސާކީން 10 ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ޓަޓްސުޔާ އީޓޯ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އަލް ނަސްރުން އެއްވަރުކުރީ، ލިވަޕޫލްގެ ކުރީގެ ފޯވާޑް، ސަޑިއޯ މާނޭ ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ކަވަސާކީން އަނެއްކާ ވެސް ލީޑުނެގި އެވެ. މެޗުގެ 41 ވަނަ މިނިޓްގައި މި ގޯލު ޖެހީ، ޔޫޓޯ އޮޒޭކީ އެވެ.

ކަވަސާކީން މެޗުގެ 76 ވަނަ މިނިޓްގައި ގޯލެއް ޖަހައި، ލީޑުފުޅާކުރި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ، އަކިހީރޯ ލެނޭގާ އެވެ. އަލް ނަސްރުން އެނބުރި އާދެވޭތޯ މަސައްކަތްކުރިއިރު، އެ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. މި ލަނޑު ޖަހައިދިނީ، 87 ވަނަ މިނިޓްގައި އައިމަން ޔަހްޔާ އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި، ކަވަސާކީން ބައްދަލުކުރާނީ، ސައުދީ ޕްރޯ ލީގުގެ، އަލް އަހްލީއާ އެވެ. ސެމީ ފައިނަލުގައި އަލް އަހްލީން ވަނީ 3-1 އިން އަލް ހިލާލް ބަލިކޮށްފަ އެވެ.