Advertisement

ޝިއޯމީން އައު އޭއައި މޮޑެލްތަކެއް ތައާރަފުކޮށްފި

1 މޭ 2025 - 16:53 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ޝިއޯމީން އައު އޭއައި މޮޑެލްތަކެއް ތައާރަފުކޮށްފި

1 މޭ 2025 - 16:53 0

ޓެކްނޮލޮޖީ ދާއިރާގެ ޗައިނާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޝިއޯމީން އޯޕަން-ސޯސް ރީޒަނިން-ފޯކަސްޑް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކެއް އާންމުކޮށްފި އެވެ.

މިމޯ (MiMo) ގެ ނަމުގައި ތައާރަފުކޮށްފައިވާ މި މޮޑެލްތަކަކީ ކުޑަ ޕެރަމީޓާ ސައިޒެއްގައި ރީޒަނިން ގާބިލިއްޔަތު އިތުރުކުރުމަށް އައު ގޮތްތަކެއް ތައާރަފުކޮށްފައިވާ މޮޑެލްތަކެކެވެ.

އަންގާރަ ދުވަހު ތައާރަފުކުރި މި މޮޑެލްތަކަކީ ޝިއޯމީން ފުރަތަމަ ފަހަރަށް އާންމުކޮށްފައިވާ އޯޕަން-ސޯސް ރީޒަނިން މޮޑެލްތަކެކެވެ. މި މޮޑެލްތައް ވާދަކުރާނީ ޗައިނާގެ ޑީޕްސީކް އާރް1 އަދި އަލިބާބާގެ ކްވެން ކިއުޑަބްލިއުކިއު-32ބީ ފަދަ މޮޑެލްތަކާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އޯޕެންއޭއައިގެ އޯ1 އަދި ގޫގުލްގެ ޖެމިނައި 2.0 ފްލޭޝް ތިންކިން ފަދަ މޮޑެލްތަކާއެވެ.

މިމޯ ފެމިލީގައި ހިމެނެނީ ތަފާތު ހަތަރު މޮޑެލެވެ. މި މޮޑެލްތަކުގެ ތެރެއިން ކޮންމެ މޮޑެލަކީވެސް ވަކި ބޭނުމަކަށް ހާއްސަކޮށްފައިވާ މޮޑެލްތަކެކެވެ.

ޝިއޯމީގެ ރިސާޗަރުން މި މޮޑެލްތައް ތައްޔާރުކުރުމުގައި އަމާޒުކޮށްފައިވަނީ ރީޒަނިން އޭއައި މޮޑެލްތަކުގެ ސައިޒުގެ މައްސަލަ ހައްލުކުރުމަށެވެ.

މިމޯގައި ހިމެނެނީ 7 ބިލިއަން ޕެރަމީޓަރެވެ. ޝިއޯމީން ބުނާ ގޮތުގައި މި މޮޑެލްގެ ގާބިލިއްޔަތު އޯޕެންއޭއައިގެ އޯ1-މިނީއާ އެއްވަރުވެއެވެ. އަދި 32 ބިލިއަން ޕެރަމީޓަރު ހިމެނޭ އެހެން ގިނަ ރީޒަނިން މޮޑެލްތަކަށްވުރެ މި މޮޑެލްގެ ފެންވަރު މަތިވެއެވެ. މި މޮޑެލް ތައްޔާރުކުރުމުގައި 25 ޓްރިލިއަން ޓޯކަން ބޭނުންކޮށްފައިވާ ކަމަށް ޝިއޯމީގެ ރިސާޗަރުން ބުނެފައިވެއެވެ.

ޝިއޯމީގެ ރިސާޗަރުން ބުނާ ގޮތުގައި މި މޮޑެލްތަކުގެ ގާބިލިއްޔަތު މިހާ މަތިވެފައިވަނީ ޑޭޓާ ޕްރީޕްރޮސެސިން ޕައިޕްލައިންތައް އޮޕްޓިމައިޒްކޮށް، ޓެކްސްޓް އެކްސްޓްރެކްޝަން ޓޫލްކިޓްތައް ރަނގަޅުކޮށް، އަދި މަލްޓިޑައިމެންޝަނަލް ޑޭޓާ ފިލްޓަރިން ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، މިމޯގެ ޕްރީ-ޓްރެއިނިންގގައި ތިން މަރުހަލާއެއްގެ ޑޭޓާ މިކްސްޗާ ސްޓްރެޓެޖީއެއް ބޭނުންކޮށްފައިވެއެވެ.

ޝިއޯމީގެ އިންޓަރނަލް ޓެސްޓިންގ ނަތީޖާތަކުން ދައްކާ ގޮތުގައި މިމޯ-7ބީ-ބޭސް މޮޑެލް، ބީއައިޖީ-ބެންޗް ހާޑް (ބީބީއެޗް) ބެންޗްމާކްގައި 75.2 ޕޮއިންޓް ހޯދާފައިވެއެވެ. އަދި ޒީރޯ-ޝޮޓް ރީއިންފޯސްމަންޓް ލާރނިންގ (އާރްއެލް) އަށް ބިނާކޮށްފައިވާ މިމޯ-7ބީ-އާރްއެލް-ޒީރޯ މޮޑެލް، މެތެމެޓިކްސް އަދި ކޯޑިންއާ ގުޅުންހުރި މަސައްކަތްތަކުގައި އެންމެ މޮޅުވެފައިވާ ކަމަށް ބުނެފައިވެއެވެ. މި މޮޑެލް އޭއައިއެމްއީ ބެންޗްމާކްގައި 55.4 ޕޮއިންޓް ހޯދައި، އޯ1-މިނީއަށްވުރެ 4.7 ޕޮއިންޓް އިތުރުވެފައިވެއެވެ.

މިމޯއަކީ އޯޕަން-ސޯސް އޭއައި މޮޑެލަކަށްވާތީ، ޝިއޯމީގެ ގިޓްހަބް އަދި ހަގިން ފޭސް ލިސްޓިންތަކުން ޑައުންލޯޑްކުރެވޭނެއެވެ. މި މޮޑެލްގެ ޓެކްނިކަލް ޕޭޕަރުގައި މޮޑެލްގެ އާކިޓެކްޗާ އަދި ޕްރީ-ޓްރެއިނިން އަދި ޕޯސްޓް-ޓްރެއިނިން ޕްރޮސެސްތަކުގެ ތަފްސީލު ހިމަނާފައިވެއެވެ.

މިއީ ޓެކްސްޓަށް ބިނާކޮށްފައިވާ މޮޑެލެއް ކަމުން މަލްޓިމޯޑަލް ޤާބިލިއްޔަތުތަކެއް ނުހިމެނެއެވެ. ގިނަ އޯޕަން-ސޯސް ރިލީޒްތަކެކޭ އެއްފަދައިން، މި މޮޑެލްގެ ޑޭޓާސެޓާ ބެހޭ ތަފްސީލު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މި އައު މޮޑެލްތައް ތަޢާރަފުކުރުމާއެކު، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ޝިއޯމީގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ޓެކްނޮލޮޖީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.