30 އޭޕްރީލް 2025 - 18:36 1
މުހައްމަދު ޝަހްޒާން
ވެމްކޯގެ އައްޑޫ ހިތަދޫ ބްރާންޗުގެ މެނޭޖަރު ކަމުގައި ހުރި، މޫސާ މުހައްމަދު؛ އޭނާ ގުރުއާން ކިޔެވީ މިފަހުން އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން އައްޑޫ ހިތަދޫގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި -- ފޮޓޯ: އަދަދު
30 އޭޕްރީލް 2025 - 18:36 1
އެމްޑީޕީގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި މޫސާ މުހައްމަދު, އައްޑޫ ހިތަދޫގައި ހުންނަ ވެމްކޯ ބްރާންޗުގެ މެނޭޖަރުގެ މަގާމުން ވަކިކޮށްފި އެވެ.
ވެމްކޯ ހިތަދޫ ބްރާންޗުގެ މެނޭޖަރުކަމުން މޫސާ ވަކިކޮށްފައި ވަނީ ސަރުކާރާ ދެކޮޅު ވާހަކަތައް ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް ތަންތަނުގައި ދައްކާ ކަމަށް ބުނެ އެވެ. މޫސާ ވަކިކުރަން ނިންމިއިރު، މި މަހުގެ 24 ވަނަ ދުވަހު އައްޑޫ ހިތަދޫގައި އޮތް އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ގުރުއާން ކިޔެވީ އޭނާ އެވެ.
މަސައްކަތުގެ އަހުލާގީ މައްސަލައެއް ކަމަށް ބުނެ މޫސާގެ މައްސަލަ ބަލައި ވެމްކޯއިން ނެގި ބަޔާނުގައި އޭނާ ބުނެފައި ވަނީ އިޖުތިމާއީ އަދި ސުލޫކީ މިންގަނޑުން ބޭރުން މަސްލަހަތު ގެއްލި މުވައްޒަފުންނާ ޖެހޭ ގޮތަށް މުވައްޒަފުން ގާތު ވެސް އަދި އޮފީހުން ބޭރުގައި ވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ގުޅުވައިގެން ވެސް އެއްވެސް ތަނެއްގައި ވާހަކަދައްކާފައި ނުވާނެ ކަމަށް މޫސާގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ ޒާތީ ކަމެއް ކަމަށް، އަޅުގަނޑުގެ ނަފުސަށް ހަނދާން ހުންނާނެ ނޫންތޯ؟،" މޫސާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޫސާ ބުނެފައި ވަނީ އޭނާއަކީ އެ މަގާމާ ހަވާލުވުމުގެ ކުރިން މީހުންނާއެކު ވަރަށް ގިނަ ވަގުތު ހޭދަ ކުރާ މީހެއް ކަމަށެވެ. ނަމަވެސް މަގާމާ ހަވާލުވިފަހުން ވަރަށް ބޮޑަށް ބޭރުގައި އުޅޭ ވަގުތު މަދުކޮށްފައިވާނެ ކަމަށް މޫސާ ބުނެފައިވެ އެވެ.
މޫސާއަކީ ވެމްކޯގެ ވަޒީފާގައި ފާއިތުވި ހަ އަހަރު މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާގެ ބަޔާނުގައި ބުނީ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ޑިސިޕްލިނަރީ ކޮމިޓީއަށް އޭނާ ހާޒިރު ނުކުރާ ކަމަށާއި އަބަދުވެސް ކުންފުނީގެ އަގު ހިފެހެއްޓޭތޯ މަސައްކަތް ކުރި ކަމަށެވެ.
"އަދިވެސް ޔަގީންކަން އަރުވާނީ ކުންފުނީގެ މެނޭޖުމަންޓަށް، އަޅުގަނޑު މި ކުންފުންޏަށް ދެެރަވާނެ އަދި ހުތުރުވާނެ އެއްވެސް ކަމެއް ނުކުރާނެކަން،" މޫސާ ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް އެމްޑީޕީގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި މީހަކު މި ސަރުކާރުގައި އެޗްޑީސީގެ ވަޒީފާއިން ވަކި ކުރި އެވެ.
އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދު ޝާއިން އެޗްޑީސީގެ މަގާމުން ވަކިކުރީ ތިން ދުވަހު ވަޒީފާއަށް ނުނިކުންނަ ކަމަށް ބުނެ އެވެ.
Comment