30 އޭޕްރީލް 2025 - 17:44 3
މުހައްމަދު ޝަހްޒާން
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާއަކީ އަދާލަތު ޕާޓީ އުފެދުނީއްސުރެން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވީ މީހެއް -- ފޮޓޯ: އަދަދު ފައިލް
30 އޭޕްރީލް 2025 - 17:44 3
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައި، މި އަހަރު ފަހުކޮޅު އޮތް އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން މިއަދު އިއުލާންކުރައްވައިފި އެވެ.
ޝަހީމް މިކަން އިއުލާންކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ އޭނާ ވިދާޅުވީ އެ ޕާޓީގެ އެންމެ އިސް އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފިން ކަމަށެވެ.
"އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ހިދުމަތް ކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފިން. މި އަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން،" ޝަހީމް ލިޔުއްވާފައިވެ އެވެ.
އަދާލަތު ޕާޓީ އުފެދުނީއްސުރެން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝަހީމް އެ ޕާޓީން ވަކިވީ 2015 ގައި އޭރުގެ ސަރުކާރާ ދެކޮޅަށް އެ ޕާޓީން މަސައްކަތް ކުރަން ފެށުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެ ދުވަސްވަރު އޭނާ ވަނީ އިސްލާމިކް މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. އޭރު އޮތީ އަދާލަތު ޕާޓީގެ ސްލޮޓުތަކުގައި އެންމެންނަށް އިސްތިއުފާ ދޭން ވެސް އަންގާފަ އެވެ.
ޝަހީމް އަދާލަތު ޕާޓީން ވަކިވަމުން ވިދާޅުވީ އެ ޕާޓީން ވަކިވަނީ ސިޔާސީ މައިދާނުން ދުރަށް ގޮސް، އިސްލާމީ އިލްމު އުނގަންނައިދިނުމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށެވެ. ދެން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގަ އެވެ.
ނަމަވެސް ޝަހީމް ވަނީ 2018 ގައި، އޭރުގެ ރައީސް އަބްދުالله ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ގުޅިވަޑައިގެން ވާދަކުރައްވާފަ އެވެ. އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ޕީޕީއެމްއާ އެކީ ދުވަސްކޮޅެއް މަސައްކަތް ކުރެއްވުމަށް ފަހު ސިޔާސީ މައިދާނުން އޭނާގެ އަޑު ފަޑުވެގެން ދިޔަ އެވެ.
ޝަހީމް އަލުން ސިޔާސީ މައިދާނުން ފެންނަން ފެށީ 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރުގަ އެވެ. އެ ގޮތުން އޭނާ ވަނީ އަދުގެ ރައީސް އަދި އޭރު ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރައްވަން ރަށްރަށަށް ވަޑައިގަންނަވާ، ވާހަކަ ދައްކަވާފަ އެވެ.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވީއިރު، މިއީ ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނަވާ ތިން ވަނަ ފަހަރެވެ. ފުރަތަމަ އޭނާ އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ދެން އުފެދުނު ޔާމީންގެ ސަރުކާރުގައި ވެސް އޭނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.
Comment