Advertisement

ރިޔާސީ ކޮމިޝަނަށް އެއްވެސް ނުފޫޒެއް އަންނަންޏާ އިސްތިއުފާ ދޭނެ ކަމަށް މުނައްވަރު ވިދާޅުވެއްޖެ

30 އޭޕްރީލް 2025 - 15:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރާނަމަ އިސްތިއުފާ ދޭނެ ކަމަށް މުނައްވަރު ވިދާޅުވި --


ރިޔާސީ ކޮމިޝަނަށް އެއްވެސް ނުފޫޒެއް އަންނަންޏާ އިސްތިއުފާ ދޭނެ ކަމަށް މުނައްވަރު ވިދާޅުވެއްޖެ

30 އޭޕްރީލް 2025 - 15:37 0

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެއްވެސް ނުފޫޒެއް އަންނަނަމަ އިސްތިއުފާ ދޭނެ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ މަސައްކަތް މިނިވަންކޮށް ގެންދެވޭނެ ކަމުގެ އުންމީދު އޮތް ނަމަވެސް، ކަމެއް ވަކި ގޮތަކަށް ކުރަން އެއްވެސް ޕްރެޝަރެއް އަތުވެއްޖެނަމަ މަގާމުގައި ނުހުންނާނެ ކަމަށެވެ.

"މި މަސައްކަތް ކުރިއަށްގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، ފުރިހަމައަށް ވަރަށް މިނިވަންކޮށް ގެންދެވޭނެ ކަމަށް. ދެން މިނިވަންކޮށް، އެނގޭތޯ މިކަން ނުގެންދެވޭ ކަމަށްވެއްޖެއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް އެނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތް ނޫން ގޮތަކަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން."

މުނައްވަރުއަށް އެއްވެސް ބޭފުޅަކަށް ނުފޫޒު ނުފޯރުވޭނެކަން ކަށަވަރުކޮށްދީ އޭނާ ވިދާޅުވީ އެއްވެސް ނުފޫޒެއް ފޯރުވަން އުޅޭނަމަ އެކަން ރައްޔިތުންނަށް ވަގުތުން ހާމަކުރާނެ ކަމަށެވެ.

"ފުރަތަމަ ފާހަގަކުރެވޭ ވަގުތުގައި އެއްވެސް ބޭފުޅެއްގެ ފަރާތުން އެއްވެސް، އެއީ އަޅުގަނޑު ދަންނަ އެންމެންނަށް އެނގޭނެ އެކަން. ކަށަވަރުވެސް ވާނެ. އެއްވެސް ބޭފުޅަކު، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނޫނީ ސަރުކާރުގެ އިސް މަގާމެއްގެ ނޫނީ އެހެން މަގާމެއްގައި ހުރި އެއްވެސް ބޭފުޅެއްގެ ފަރާތުން އެނގޭތޯ އެއްވެސް ކަހަލަ ނުފޫޒެއް ހިންގަން މަސައްކަތް ކުރާކަން އުޅޭކަން އަޅުގަނޑަށް އެނގޭ ވަގުތަކު ރައްޔިތުންނަށް ހާމަކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެވޭނެ ޕޯޓަލްއެއް ހެދުމަށް ރިޔާސީ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެ ޕޯޓަލް މެދުވެރިކޮށް ސުވާލު ކުރެވޭއިރު، ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް ސުވާލުތަކަށް ޖަވާބު ވެސް ދޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ހިންގާ ތަހުގީގު ދުވަހުން ދުވަހަށް ފެންނަ ކަހަލަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މި ހިނގާ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

މުނައްވަރުގެ އިތުރުން ރިޔާސީ ކޮމިޝަނުގައި ދެން ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.