Advertisement

ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރަ ހިމަނައިގެން ގާނޫނު ހަދާނަމަ މުޅި ގައުމު ޖަލަކަށް ބަދަލުވާނެ: ގަފޫރު

30 އޭޕްރީލް 2025 - 11:26 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަބްދުލްގަފޫރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރަ ހިމަނައިގެން ގާނޫނު ހަދާނަމަ މުޅި ގައުމު ޖަލަކަށް ބަދަލުވާނެ: ގަފޫރު

30 އޭޕްރީލް 2025 - 11:26 0

ދުންފަތާ ގުޅުންހުރި ގާނޫނުތައް ފާސްކުރަން ވާނީ ރައްޔިތުންނަށް އުފުލޭނެ ބުރަތަކެއް އޭގައި ހިމަނައިގެން ކަމަށާއި އެކަން އެގޮތަށް ނުކޮށްފި ނަމަ ދިވެހި ރާއްޖޭގައި ތިބޭނީ ހުސް ކުށްވެރިން ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމާމެދު ދެބަސް ވާނެ މީހަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް ދުންފަތް ކޮންޓްރޯލް ކުރާނީ ގާނޫނަކުން އެކަން މަނާކޮށްގެންތޯ ނުވަތަ ރައްޔިތުން އަހުލުވެރި ކޮށްގެންތޯ އެއީ ވިސްނައިލަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފެންނާން އޮތް ހަގީގަތަކީ ދުންފަތުން ދުރުހެލިވުމަށް މީހުން އަހަލުވެރި ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް މިހައިތަނަށް ނުކުރާކަން ކަމަށް ގަފޫރު ވިދާޅުވި އެވެ.

"މިއީކީ ނޫން މި ކަންކަން ހިނގައި ދާންޖެހޭނެ ގޮތަކީ، އަޅުގަނޑުމެންނަށް ވާވަރު ކަންތައްތައް ކުރަން އަޅުގަނޑުމެން ތެދުވަން ޖެހެނީ، އަޅުގަނޑުމެންނަށް ހިފައި އުފުލޭވަރު ކަންތައްތަކައިގެން އަޅުގަނޑުމެން ކުރިއަށް ދާންޖެހެނީ، ނޫން ނަމަ ހައްތަހާ ވެސް މިހެން ހެދޭ ގާނޫނުތަކުގެ ސަބަބުން ރައްޔިތުން ގާނޫނާ ހިލާފުވެ ކުށްވެރިންގެ ގޮތުގައި މުޅި ގައުމު ޖަލަކަށް ބަދަލުވެގެންދާނެ އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ގާނޫނުތައް ހަދަން ޖެހެނީ ރައްޔިތުންނަށް ވެސް އެއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްކަން އެނގޭނެ ގޮތަށް އެމީހުންނަށް ވެސް އުފުލޭނެ ބުރަތައް ހިމަނައިގެން ކަމަށެވެ. އެހެން ނޫން ނަމަ މުޅި ގައުމުގައި ތިބޭނީ ކުށްވެެރި ކަމަށް އެނާ ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން ގަފޫރު ވިދާޅުވީ މާބޮޑު ވިސްނާލުމެއް ނެތި ސިނގިރޭތު އަގު ބޮޑު ކުރުމުން ނުކުތް ނަތީޖާ ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑު ކުރުމާއެކު ވަގު ސިނގިރޭޓު އާންމުވުމާއި ބޮޑެތި ވައްކަންތައް އިތުރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ވައްކަން މި ދައުލަތުގެ ތެރޭގައި ހިނގަން ފެށިތަން އަޅުގަނޑުމެންނަށް މީގެ ސަބަބުން ފެނިގެން ދިޔައީ، މިހައިތަނަށް 600 މިލިއަނަށް ރުފިޔާއަށްވުރެ ގިނަ ސިނގިރޭޓު ވަގަށް އެތެރެވެގެން ހިނގައްޖެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ދަނީ ގޯސް ނަތީޖާތަކެއް ފެންނަމުން، މި ވައްކަމުގައި ދައުލަތުގެ ތަންފީޒީ މުއައްސަސާތައް ވެސް ދަނީ ބައިވެރިވަމުން އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ދުންފަތާ ގުޅިގެން ފާސްކުރި ގާނޫނުތަކާއި ހެދި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރޭތޯ މުއައްސަސާތަކަށް ނުބެލޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާއިން ސަލާމަތްވުމަށް ސިނގިރޭޓުގެ އަގު ކުރިން ހުރި ވަރަށް ދަށް ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.