30 އޭޕްރީލް 2025 - 07:55 0
30 އޭޕްރީލް 2025 - 07:55 0
ޕެރިސް (އޭޕްރީލް 30) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލް ދަނޑުގައި 1-0 އިން މޮޅުވެ، ޕީއެސްޖީން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. މިއީ، ޕީއެސްޖީގެ ކްވިޗާ ކްރަވަޝްކޭލިއާ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރީގައި ހުރެފައި ޑެމްބެލޭ ޖެހި ގޯލެކެވެ. ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ޕީއެސްޖީ އަށް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ޑެސަޔާ ޑޫއޭ ޖެހި ޝޮޓް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ޕީއެސްޖީ މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ. އޭނާ ވަނީ އާސެނަލްގެ ގަބްރިއެލް މާޓިނެލީ އާއި ލެެއަންޑްރޯ ޓްރޮސާޑް ހުސްކޮށް އަރައި ފޮނުވާލި ބޯޅަތައް ހުއްޓުވައިފަ އެވެ. އަދި، ދެ ވަނަ ހާުފުގައި އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ޝޮޓެއް ވެސް ޑޮންނަރުންމާ ވަނީ ހުއްޓުވައިފަ އެވެ.
އާސެނަލުން ވަނީ ދެ ވަނަ ހާފުގައި ގޯލެއް ޖަހައިފަ އެވެ. އާސެނަލްގެ ޑެކްލަން ރައިސް ނެގި ހިލޭ ޖެހުމެއްގައި، މިކޭލް މެރީނޯ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ދެ ވަނަ ހާފުގައި ގޯލު ޖަހަން ޕީއެސްޖީގެ ބްރެޑްލީ ބާކޮލާ އާއި ގޮންޒާލޯ ރާމޯސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
އާސެނަލުން ވަނީ، މީގެ ހަތް މަސް ކުރިން ޗެމްޕިއަންސް ލީގުގެ ލީގު ބުރުުގައި އަމިއްލަ ދަނޑުގައި 2-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. އެކަމަކު، ރޭގެ މެޗުގައި ޕީއެސްޖީ ފެނުނީ މުޅިން ތަފާތުކޮށެވެ. މުބާރާތުގެ ފައިނަަލުން ޖާގަ ހޯދާނަމަ، އާސެނަލުން ޕީއެސްޖީ ބަލިކުރަން ޖެހޭނެ އެވެ.
Comment