Advertisement

އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރަނީ

29 އޭޕްރީލް 2025 - 08:25 0

ރައީސް މުއިއްޒު: ދުންފަތުގެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވަނީ މިދިޔަ އަހަރު ހަމަވެފައި -- ފޮޓޯ: ރައީސް އޮފީސް


އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރަނީ

29 އޭޕްރީލް 2025 - 08:25 0

ޖެނެރޭޝަން ބޭންއެއް ގެނައުމުގެ އިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ޖެނުއަރީ 1، 2007، ގެ ފަހުން އުފަންވެފައިވާ މީހުންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

ދުންފަތް ބޭނުން ކުރުމުގެ ޖެނަރޭޝަން ބޭންއެއް ގެންނަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ އޭޕްރީލް 13، ގަ އެވެ. އެއީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާކޮށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ ގާނޫނަށް އިސްލާހެއް ގެނެސްފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް ސަރުކާރުން މި އަޅަނީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.

ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.

ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ފެށީ ވެސް ސުންގަޑި ހަމަވިފަހުން ޑިސެމްބަރު، 2024، ގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.

ދުންފަތުގެ މާސްޓާޕްލޭނެއް ހަދަން ރައީސް މުއިއްޒު އެންގެވީ ދުންފަތާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމެވުމަށްފަހެވެ. އެގޮތުން ސިނގިރޭޓަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ، ވޭޕް މަނާ ކުރުން ހިމެނެ އެވެ.

ކުށެއްގެ އިސްލާހު (އޭޕްރީލް 29، 2024)


އުމުރުން 21 އަހަރުން ދަށުގެ މީހުން ދުންފަތް ބޭނުން ކުރުން މަނާ ކުރަން ބިލުގައި ހިމަނާފައިވާ ކަމަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ، މަނާ ކުރަން އުޅެނީ އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމެވެ.