29 އޭޕްރީލް 2025 - 05:46 0
29 އޭޕްރީލް 2025 - 05:46 0
ލަންޑަން (އޭޕްރީލް 29) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްްގެ ދެ ލެގުގައި ރެއާލް މެޑްރިޑް އަތުން އާސެނަލް މޮޅުވުމުން، އެ ޓީމާ މެދު ގިނަ ބަޔަކު ދެކޭގޮތް ބަދަލުވެފައިވާ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި، އާސެނަލް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެވެ. ރެއާލް ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން އާސެނަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެގްރިގޭޓުން އާސެނަލަށް ކުރި ލިބުނީ 5-1 އިންނެވެ.
ރެއާލާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ނެރުނު ނަތީޖާއާ އެކު، އާސެނަލުން ވަނީ 16 އަހަރަށް ފަހު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިއީ، އާސެނަލްގެ ތާރީހުގައި ވެސް އެ ޓީމުން މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭ ތިން ވަނަ ފަހަރެވެ. ފައިނަލުގައި ކުޅުނު ހަމައެކަނި ފަހަރު، 2006 ވަނަ އަހަރު ބާސެލޯނާ އަތުން ފައިނަލުގައި ބަލިވީ އެވެ.
ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުނީ، އާސެނަލަކީ މި ވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ހަތަރު ޓީމުގެ ތެރެއިން އެއް ޓީމު ކަމަށެވެ.
"ޔަގީނުން ވެސް މިހާރު އާސެނަލް މި އޮތް ހިސާބުން، ގިނަ ބަޔަކު މި ޓީމާ މެދު ކުރާ އުންމީދުތައް ވަނީ މަތިވެފައި. ކުއާޓާ ފައިނަލުގެ އެ ނަތީޖާތަކުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ، އަހަރެމެން ވިސްނަން ޖެހޭނީ އަމިއްލަ ކަންކަން އަދިވެސް ރަނގަޅުކުރަން. ވަރަށް ފުރިހަމަ ވާހަކައެއް (މި މުބާރާތުގެ) މިހާ ހިސާބަށް ވެސް އެ އޮތީ، އެކަމަކު، އަދި ނިންމަން ބޭނުމެއް ނޫން،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ، ތާރީހަށް ބަލާނަމަ އާސެނަލަކީ މުބާރާތުގެ ފޭވަރިޓުންނަށް ނުވާނެ ސަބަބަކީ އެ ޓީމުން މި މުބާރާތް އަދި ކާމިޔާބުކޮށްފައިނުވުން ކަމަށެވެ. އެކަމަކު، ކުޅުމަށް ބަލާއިރު، އާސެނަލަކީ މުބާރާތް ކާމިޔާބުކުރާނެ ޓީމު ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުމަކީ ފަހަރުގައި ފޭވަރިޓުންގެ ގޮތުގައި ގުނާނެ ކަމެއް ކަމަށެވެ.
އާސެނަލުން ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ބުުރުގައި އަމިއްލަ ދަނޑުގައި 2-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. އާޓެޓާ ވަނީ މި މެޗަކީ ކުރިން ކުޅުނު މެޗާ އެތައް ގޮތަކުން ތަފާތު މެޗެއް ކަމަށެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް ވަނީ، މީގެ ހަތް މަސް ކުރިން އާސެނަލާ ދެކޮޅަށް ޕީއެސްޖީން ނުކުތްއިރު އޮތް ހާލަތާއި މިހާރު އެ ޓީމު ކުޅެމުން އަންނަ ކުޅުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ކުޅުންތެރިންގެ ލެވަލް ވެސް ރަނގަޅު ކަމަށް ބުނެފަ އެވެ.
Comment