Advertisement

ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި

28 އޭޕްރީލް 2025 - 17:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި

28 އޭޕްރީލް 2025 - 17:11 0

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަނުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އުފެއްދި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.

އެ ކޮމިޝަނުގެ މަަސައްކަތްތައް ފަށައިނުގަނެ އުޅެވެނީސް މިއަދު ޑރ. ހަބީބް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެއާއެކު އަނެއްކާ ވެސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ތިން މެންބަރުން ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ.

މީގެ ތެރެއިން އީނާސްއަކީ މީގެ ކުރިން ފެމިލިޓީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ސީއީއޯ ކަމާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްް (އެޗްއާރުސީއެމް) ގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް ޑޮކްޓަރެކެވެ.

ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްތުތައް އަދާ ކުރުމުގެ ގޮތުން ބާރުތަކެއް ވެސް ދެއްވާފައިވެ އެވެ. އެއީ:

  1. ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
  2. ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން
  3. ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
  4. ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
  5. ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
  6. ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި އެނޫން ވެސް މައުލޫމާތު ހޯދުން

އެ ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނާ ރައީސް މަތިކުރެއްވި މަސައްކަތް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް ކަމަށް ރައީސްގެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.