28 އޭޕްރީލް 2025 - 13:27 0
ލީވާން އަލީ ނާސިރު
ޒަކިއްޔާ މޫސާ: އޭނާގެ އާއިލާއިން ފާޅުކުރި ކަންބޮޑޫވުންތަކަށް ޖަވާބެއް ހޯދަން ޕީޖީން ފުލުހަށް ވަނީ ސިޓީއެއް ފޮނުވާފައި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
28 އޭޕްރީލް 2025 - 13:27 0
ބޮޑެތި ޒަހަމްތަކަކާއެކު ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ސެޕްޓެމްބަރު، 2024، ގައި މަރުރެވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންނަށް އެ އޮފީހުން ސިޓީއެއް ފޮނުވައިފި އެވެ.
ޒަކިއްޔާގެ އާއިލާއިން ކަންބޮޑުވުންތައް ފާޅުކޮށް އޭޕްރިލް 10، ގައި ޕީޖީއަށް ފޮނުވި ސިޓީއަށް ދިން ޖަވާބުގައި އެ އޮފީހުން ބުނީ އާއިލާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްޓަކައި ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްޓަކައި މި އޮފީހުން ވާނީ ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވާފައި. އެ ސިޓީގެ ޖަވާބު ލިބުމުން، މި އޮފީހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބެއް ދޭނެ ވާހަކަ ދަންނަވަން،" ޕީޖީން ބުންޏެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން ޕީޖީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އޭނާގެ ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމަށެވެ.
މީގެ އިތުރުން މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތު ފުށޫއަރާ ކަމަކަށްވާތީ، ފުލުހުން އެ ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ވެސް އާއިލާއިން ސިޓީގައި އެދިފައިވެ އެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދުނު ކަންކަމާ ގުޅިގެން އޭޕްރިލް 15، ގައި ފުލުހުން ވަނީ އާއިލާއާ ބައްދަލުކޮށް ވާޗުއަލް އޮޓޮޕްސީއާ ބެހޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ވާޗުއަލް އޮޓޮޕްސީ ބަލައިގަންނަން އާއިލާއިން ދެކޮޅު ހަދަ އެވެ.
ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ފޮޓޯ ހިމެނޭ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގެ ސަފުހާތައް މަތިމަތިން ބަލާލުމުގެ ފުރުސަތު ލިބުނުއިރު، އެ ރިޕޯޓުގައި ސޮއިކުރި ބައެއް ވެސް ސާފުކޮށް ނުދޭ ކަމަށް ޒަކިއްޔާގެ އާއިލާއިން ބުންޏެވެ.
ޒަކިއްޔާގެ އާއިލާއިން އިތުރަށް އެދުނީ މައްސަލައިގެ ތަހުގީގު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް ތަހުގީގު ނިންމާލުން މަޑުޖައްސާލުމަށެވެ. އެ ގޮތަށް އާއިލާއިން އެދުނީ ދައުލަތުގެ އެހެން މުއައްސަސާތަކުން އެ މައްސަލަަ ބަލަމުންދާތީ އެފަދަ ނިންމުމެއް ނިންމުން އިންސާފުވެރި ނުވާނެތީ އެވެ.
މީގެ އިތުރުން ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ބެލި ނަމަވެސް، އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް ދެނެގަތުމަކީ ތަހުގީގުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ނުހަދަ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއރު ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އެ ރަށުގައި އެކި ފަހަރު މަތިން އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
Comment