28 އޭޕްރީލް 2025 - 11:43 1
މުހައްމަދު ޝަހްޒާން
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު؛ އޭނާ ކުއްލި މައްސަލައެއް ހުށަހެޅުއްވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
28 އޭޕްރީލް 2025 - 11:43 1
މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ނިންމަވައިފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައި ނުގަތީ މިނިސްޓަރު، އަމީންގެ ގެއަކީ "ކްރިމް ސީން" ގެ ގޮތުގައި ބަޔާން ކޮށްފައި އޮތުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގެ ކްރައިމް ސީންގެ ގޮތުގައި ފާހަގަ ކުރެވޭ ތަނަކީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާން ކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމަށް ދަންނަވަން،" ކުއްލި މައްސަލަ ބަލައި ނުގެންނެވި ސަބަބު ސާފު ކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އެހެން ވިދާޅުވި ނަމަވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައި އޮތީ ޔުމްނު ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި އިތުރު ބަޔަކު ހަރަކާތްތެރިވި ގެއަކީ މިނިސްޓަރު އަމީންގެ ގެ ކަމަށް ވާތީ އެ ވާހަކަ އެވެ.
ކުއްލި މައްސަލައިގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ ޔުމްނުގެ މައްސަލައިގައި ކުރަމުން ގެންދާ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު ފުލުހުން އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު ސުޖާއު އަލީއަށް އަމީން އެތައް ފަހަރަކު ގުޅުއްވިކަން ހާމަވެފައިވާ ކަމަށެވެ.
އޭގެއިތުރުން މީގެ ކުރިން މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާ ހިލާފަށް ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި އަމަލު ކުރަމުން ދިޔުމާއި ޔުމްނުގެ އާއިލާއިން ދޭ މައުލޫމާތާއި ފުލުހުން ދޭ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިކަން މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވި ނަމަވެސް އޭނާ ހައްޔަރު ނުކުރުމާއި ހާދިސާގެ ތަހުގީގާ ގުޅޭ މުހިންމު މައުލޫމާތުތައް ފުލުހުން ހިފަހައްޓާފައިވާކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެތައް ބައިވަރު ޒުވާނުން މަގުމައްޗަށް ނުކުމެ އިންސާފަށް އެދި އަޑުއުފުލަމުންދާއިރު، އެކަން ކަށަވަރު ކުރުމަށްޓަކައި މަޖިލީހުގައި އެކަމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ ކަމަށެވެ.
Comment