28 އޭޕްރީލް 2025 - 11:26 2
އަމަން ހަލީމް
ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުالله ސައީދު: މި ދެ މީހުންނަކީ ވެސް މި ސަރުކާރު އައުމުގެ ކުރިން ޔާމީންގެ ދިފާއުގައި އިސްކޮށް ހަރަކާތްތެރިވީ ދެ މީހުން --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
28 އޭޕްރީލް 2025 - 11:26 2
ޓޫރިޒަމްގެ ބޭނުންތަކަށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ބަސް ނުދޭނެކަން ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވި ހެކި ބަސް ދޭން ބޭނުން ނުވާ ކަމަށް ދެ މީހުން ވެސް އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ދިފާއުގައި ހެކި ބަސް ދޭން ބޭނުން ނުވިޔަސް، ހައްޔަރުކޮށްގެން ހެކި ބަސް ދޭން ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފަން އެދޭތޯ ސުވާލުކުރުމުން ޔާމީންގެ ވަކީލުން ވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު އޮތަސް، އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުން ނުވާ ކަމަށެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ދިފާއީ ހެކިންގެ ހެކި ބަސް ނަގަން ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ޔާމީންގެ ދިފާއުގައި ހުށަހަޅާފައިވާ ހެއްކެއް ކަމުގައި އަހުމަދު ކްރިކު ރިޒާގެ މައްސަލަ ފައިލްކުރަން ނިންމުމާއި ގުޅިގެން ފާހަގަކުރި ކަންކަމާއި އެއް މަޖިލީހެއްގައި ތިބެގެން ދިފާއީ ހެކި ނަގަން ޔާމީން ބޭނުންވެލައްވާތީ، މިއަދު އެއްވެސް ހެއްކެއްގެ ހެކި ބަސް ނުނަގަ އެވެ.
ޔާމީންގެ ދިފާއުގައި ނަރީޝް އާއި ޝުއާއުالله ގެ އިތުރުން ދެން ހުށަހަޅާފައި ވަނީ ކްރިކު ރިޒާ އާއި އަބްދުالله ރަޝީދު ކިޔާ މީހެކެވެ. މިއަދުގެ އަޑުއެހުމަށް ހާޒިރުވީ އަބްދުالله ރަޝީދު އެކަންޏެވެ. ބަލިހާލަތު ހުރި ގޮތުން ކަަމަށް ބުނެ ކްރިކު ރިޒާ ޝަރީއަތަށް ހާޒިރެއް ނުވެ އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 26، ގަ އެވެ. އެ ދުވަހު ކްރިކު ރިޒާ އާއި އަބްދުالله ރަޝީދުގެ ހެކި ބަސް ނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ ޖޫން 17، ގަ އެވެ. އެ ދުވަހު އޮންނަނީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މި މައްސަލައިގައި ހުލާސާކޮށް ވާހަކަ ދައްކަން ބާއްވާ އަޑުއެހުން އޮންނާނީ ޖުލައި 20، ގަ އެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާކޮށްފައި ވަނީ ކްރިކު ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓުމަންޓުގެ މައްޗަށެވެ. ކްރިކުގެ މައްސަލަ ފައިލްކޮށްފައިވާއިރު، ސަން ގެ ދެ ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާތަކުގެ މައްސަލަ ކުރިއަށް ގެންދަނީ ވަކި ޝަރީއަތެއްގަ އެވެ.
މި މައްސަލައިގައި ހެކިބަސް ނުދޭން ނިންމި ނަރީޝް އާއި ޝުއާއުالله އަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު ޔާމީންގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދެއްކެވި ދެ މީހުންނެވެ. އަދި ނަރީޝްއަކީ އާރަށް މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ދިން އެކަކެވެ. އެ މައްސަލައިގައި އޭނާ ދޮގުހެކި ބަސް ދިން ކަމަށް ތުހުމަތުކޮށް އޭރު އެ މައްސަލަ ވެސް ބެލި އެވެ.
Comment