Advertisement

އެފްއޭ ކަޕް ފައިނަލުގައި ސިޓީ އާއި ޕެލަސްގެ ކުރިމަތިލުމެއް

28 އޭޕްރީލް 2025 - 00:36 0


އެފްއޭ ކަޕް ފައިނަލުގައި ސިޓީ އާއި ޕެލަސްގެ ކުރިމަތިލުމެއް

28 އޭޕްރީލް 2025 - 00:36 0

ލަންޑަން (އޭޕްރީލް 28) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސިޓީން ވަނީ ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި، ޕެލަސް އިން ވަނީ ސެމީ ފައިނަލުގައި 3-0 އިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ދެ ޓީމު ބައްދަލުކުރާ އެފްއޭ ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

މިއީ، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ސިޓީން ޖެހިޖެހިގެން ފައިނަލުގައި ކުޅޭ ތިން ވަނަ ފަަހަރެވެ. މިދިޔަ ސީޒަނުގެ ފައިނަލުގައި ސިޓީ ވަނީ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އެކަމަކު، އޭގެ ކުރިން ސީޒަނުގައި ސިޓީން ވަނީ ޔުނައިޓެޑް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.

މި ސީޒަނުގައި ސިޓީގެ ފޯމު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، އެ ޓީމަށް މި ވަނީ އެފްއޭ ކަޕްގެ ފައިނަލުގެ ފުރުސަތު ލިބި ތަށްޓެއް ހޯދަން މަގުފަހިވެފަ އެވެ. ފޮރެސްޓުން ވެސް ގިނަ އެޓޭކްތަކެއް ކުރި މެޗުގައި، ސިޓީން ވަނީ ފަށައިގެން ދެ ވަނަ މިނިޓްގައި ރީކޯ ލެވިސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މިއީ، މަޓެއޯ ކޮވަސިޗް ދިން ބޯޅައަކުން ލެވިސް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ސިޓީން ވަނީ ފަސް މިނިޓް ތެރޭ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ އޮމަރު މާމޫޝް ނަގައިދިން ބޯޅައަކުން ޖޮސްކޯ ގްވާޑިއޯލް އެވެ.

ވިލާ ކައިރިން ޕެލަސްގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި އެބްރެޗީ އެޒޭ އެވެ. ދެ ވަނަ ހާފުގައި ޕެލަސްގެ އަނެއް ގޯލުތައް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލާ ސާ އެވެ.

މިއީ، އެފްއޭ ކަޕް ފައިނަލުގައި ޕެލަސްގެ ތިން ވަނަ ފެނިލުމެވެ. މީގެ ކުރިން ދެ ފަހަރު ވެސް ޕެލަސް އިން ފައިނަލުގައި ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެ ގޮތުން، ޔުނައިޓެޑް އަތުން ޕެލަސް ވަނީ 1990 އާއި 2016 ގެ ފައިނަލުން ބަލިވެފަ އެވެ.