Advertisement

‏ޑީޖޭއައިއިން ފޮޓޯ ކެމެރާއެއް ބާޒާރަށް ނެރެނީ‏

28 އޭޕްރީލް 2025 - 08:41 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


‏ޑީޖޭއައިއިން ފޮޓޯ ކެމެރާއެއް ބާޒާރަށް ނެރެނީ‏

28 އޭޕްރީލް 2025 - 08:41 0

ޑްރޯން އުފެއްދުމުގައި ކުރިއަރާފައިވާ ޑީޖޭއައި ކުންފުނިން ‏‏މި އަހަރު ނިމުމުގެ ކުރިން ފުރަތަމަ ފަހަރަށް މިރާލެސް ފޮޓޯ ‏‏ކެމެރާއެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކް ރިޕޯޓްތައް ‏‏ބުނެފިއެވެ. ‏

ގިނަ ބަޔަކު ބުނާ ގޮތުގައި ޑީޖޭއައިން ތައާރަފްކުރާ ‏‏މިރާލެސް ކެމެރާގެ ސަބަބުން 2025 ވަނަ އަހަރަކީ ޒަމާނީ ‏‏ފޮޓޯގްރަފީގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އަހަރުތަކުގެ ތެރެއިން ‏‏އަހަރަކަށް ވެގެންދާނެ އެވެ. މިއީ ހަމައެކަނި "ޑްރޯން އިންޑަސްޓްރީގެ ‏‏ކުންފުޏެއް" ނޫންކަން އެކުންފުނިން ދަނީ ސާބިތުކޮށްދެމުންނެވެ. ‏

‏މި ކެމެރާގައި ފުލް-ފްރޭމް ސެންސަރެއް ހިމެނޭނެ ކަމަށާއި، ބިލްޓް-‏‏އިން ސްޓެބިލައިޒޭޝަން އަދި ޒަމާނީ ޑިޒައިނެއް ހިމެނޭނެ ކަމަށް ‏‏ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ފޮޓޯގްރަފީގެ ދުނިޔޭގައި ‏‏ނަން މަޝްހޫރު ހެސަލްބްލެޑްގެ ޓެކްނޮލޮޖީވެސް މި ކެމެރާގައި ‏‏ހިމެނޭނެ ކަމަށް ލަފާކޮށްފައިވެއެވެ‏‎.‎

‏ޑީޖޭއައި އަކީ މިހާރުވެސް ޑްރޯން އުފެއްދުމުގެ އިތުރުން ރޮނިން 4ޑީ ‏‏އަދި އޮސްމޯ ޕޮކެޓް ފަދަ މުހިންމު އާލާތްތައް އުފެއްދުމުގެ ސަބަބުން ‏‏ވީޑިއޯ އުފެއްދުމުގެ ދާއިރާގައި މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. ހާއްސަކޮށް ހެސަލްބްލެޑް ކުންފުނި ޑީޖޭއައިގެ މިލްކުވެރިކަމުގެ ދަށުގައި ‏‏އޮތުމުން، މި ދާއިރާގައި ވަރަށް ފުންނާބު އުސް ގޮތެއްގައި ވާދަކުރުމުގެ ‏‏ގާބިލުކަން ލިބިގެންދާނެ އެވެ‏‎.‎

ޑީޖޭއައިގެ ކެމެރާ ---


‏ޝާއިއުކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑީޖޭއައިގެ މިރާލެސް ‏‏ކެމެރާގައި ހިމެނޭ ފީޗާތަކަކީ،

  • ‏‏ހެސަލްބްލެޑްގެ އެހީގައި ތަރައްގީކުރެވޭ ފުލް-ފްރޭމް ‏‏ސެންސަރެއް‏
  • ‏-‏ރޮނިން ފެންވަރުގެ ހަތަރު ދިމާލުން ސްޓެބިލައިޒްކުރެވޭ ‏‏ނިޒާމެއް‏
  • ‏‏ތަފާތު ބޭނުންތަކަށް (ސްޓޫޑިއޯ، ފީލްޑް ނުވަތަ ޔޫޓިއުބް) ‏‏ބަދަލުކުރެވޭ މޮޑިއުލާ ޑިޒައިނެއް‏
  • ‏‏ކްލައުޑް ސްޓޯރޭޖް އަދި ވަޔަލެސް ޓްރާންސްފާ
  • ‏ސާދާ އަދި ފަސޭހަ ޔޫޒާ ‏‏އިންޓަފޭސް‏
  • ‏‎4‎‏ކޭ/120އެފްޕީއެސް ރެކޯޑިންގ ގާބިލިއްޔަތު‏

‏ކެނޮން އަދި ސޮނީ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާ ‏‏އަޅާބަލާއިރު، ޑީޖޭއައި އަކީ ކެމެރާ އުފެއްދުމުގައި އައު ފަރާތެއް ނަމަވެސް، ޑްރޯން އަދި ‏‏ގިމްބަލް ފަދަ އުފެއްދުންތަކުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ‏‏ޒަމާނީ އުފެއްދުންތެރިންގެ ބޭނުންތައް ދެނެގަތުމުގައި ފުންނާބު އުސް ‏‏ކުންފުންޏެއްކަން ފާހަގަކުރެވެ އެވެ.